ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ދުނިޔޭގެ ފެންވަރަށް ތަރައްޤީކުރުމަށް 1.6 މިލިއަން ޑޮލަރުގެ އެހީއެއް ވަނީ ލިބިފައެވެ.
މި އެހީ ލިބިފައިވަނީ ޔޫއެން އެންވަޔަރަންމަންޓް މެދުވެރިކޮށް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫ، ހުޅުލެ، ކައްދޫ އަދި އައްޑޫގައި ހުރި މީޓިއޯރޮލޮޖިކަލް އޮފީސްތައް ތަރައްޤީކުރެވޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި ނ. މާފަރުގައި އައު އޮފީހެއް ޤާއިމްކުރެވޭނެ ކަމަށްވެސް ވުޒާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ގަމުގައި ހުރި ރޭޑިއޯ ސޮންޑޭ ސިސްޓަމް މަރާމާތުކުރެވޭނެ ކަމަށްވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، 4 އަހަރު ދުވަހުގެ މުއްދަތަކަށް ސިސްޓަމްތައް ބެލެހެއްޓުމާއި މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ އުފެދުނީ 1974 ވަނަ އަހަރުގައެވެ. މިހާރު މި އިދާރާއިން 24 ގަޑިއިރަށް މޫސުން ލަފާކުރާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި ރަށްރަށަށް ވަކިން އެލަރޓް ނެރޭ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ދުނިޔޭގެ ފެންވަރަށް ތަރައްޤީވެ، މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމާއި، މޫސުމާ ގުޅޭ ނުރައްކާތަކަށް ތައްޔާރުވުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުންޏެވެ.



