ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ އަގު ވައްޓާލައި ކޯޓުތަކާމެދު ރައްޔިތުން ނަފްރަތުކުރާ މޭރުމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވާހަކަފުޅު ދައްކަވައިފިއެވެ.
ޢިއްޒަތްތެރި މެމްބަރު ބ.ކެންދޫ މުނިޔާގެ އަލީ ހުސައިން މިފަދަ މާނައެއް އެކުލެވޭ ގޮތަށް ވާހަކަފުޅު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާހަކަށް ފަހު އިސްލާހެއް ހުށައަޅަމުންދިއުމުގެ މަޤްޞަދާއިމެދު ސުވާލު އުފައްދަމުން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ބޭރު މީހުންނާއި ވަޒީފާއަށް ގެންނަ ބިދޭސީންނާއި ގުޅޭގޮތުން ހެދިފައިވާ ޤަވާޢިދު އޮތީ ޤާނޫނުއަސާސީއަށްވުރެ މާ މަތީގައި ކަމަށާއި، އެގޮތަށް އެނިންމުން އެ ނިންމަމުންދަނީ ދިވެހި ކޯޓުތަކުންކަމަށް އޭނާ ވިދާޅުވިއެވެ.
ޢިއްޒަތްތެރި މެމްބަރުގެ މި ތުހުމަތުތަކަކީ ޝަރުޢީ ކޯޓުތަކަށް ބިދޭސީންގެ ނުފޫޒު އޮންނަކަމަށް ރައްޔިތުންނަށް މާނަކުރެވިދާނެ ކަމެކެވެ.
ޢަލީ ހުސައިން ވަނީ ބިދޭސީންގެ މައްސަލާގައި ފާއިތުވީ ތިން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޢިއްޒަތްތެރި މެމްބަރު އަލީ ހުސައިނަކީ ކޯޓުތަކަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މީގެ ކުރިންވެސް ފާޑު ވިދާޅުވި ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.



