މިއަހަރު ކުޅިވަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ފުރަތަމަ ފަހަރަށް ދިވެހި އެތްލީޓަކު އޮލިމްޕިކްސް ގޭމްސް އަށް ކޮލިފައިވުން ކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރާފިއު ވިދާޅުވީ ފާތިމަތު ދީމާ އަލީ ވަނީ ދެކުނު އޭޝިއާ ސަރަޙައްދުގެ ކޮލިފައިން ބުރުގެ އެއްވަނަ ހޯދާފައި ކަމަށެވެ. އަދި އޮލިމްޕިކްސްގައި ހަތަރު ކުޅިވަރަކުން 5 އެތްލީޓަކު މިފަހަރު ވާދަކޮށްފައިވާއިރު، މިއީ އޮލިމްޕިކްސްގައި ދިވެހިރާއްޖެއިން އެންމެ ގިނަ އެތްލީޓުން ވާދަކުރި އަހަރު ކަމަށްވެސް ރާފިއު ފާހަގަކުރެއްވިއެވެ.
ރާފިއު ވިދާޅުވީ ކުޅިވަރުގެ މުބާރާތްތަކަށް ބަލާއިރު، ބައިނަލްއަޤްވާމީ 10 މުބާރާތެއް ރާއްޖޭގައި މިހާރު ބޭއްވިފައިވާކަމަށެވެ. އެގޮތުން މިހާރު ޒުވާނުން މަރުކަޒުގައި ކުރިއަށްދާ މުބާރާތާއެކު އިތުރު 6 ބައިނަލްއަޤްވާމީ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރާފިއު ވިދާޅުވިއެވެ.
މީގެ އިތުރުން ޤައުމީ އެތްލީޓުން، ކުޅުންތެރިން އަދި އޮފިޝަލުންގެ މުސާރަ އެއްވަރުކޮށް، އިތުރުކުރުމަށްޓަކައި، މިހާރު މުސާރަ ދޭ އުޞޫލު ރިވައިޒް ކުރުމުގެ މަސައްކަތް ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުން ކުރަމުން އަންނަ ކަމަށް ރާފިއު ވިދާޅުވިއެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުންގެ އިންޝުއަރެންސަށް ބޭނުންވާ ފައިސާ 2025 ވަނަ އަހަރުގެ ބަޖެޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ރާފިއު ވިދާޅުވިއެވެ.



