މިވަގުތު ރާއްޖޭގެ ހުރިހާ ރަށެއްގައި 264 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ރާފިއު ވަނީ އެ މިނިސްޓްރީން ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި ކުރި ބައެއް މަސައްކަތްތަކުގެ ތަފްޞީލް ޙިއްސާ ކުރައްވާފައެވެ. އެގޮތުން ރާފިއު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީގެ ދަށުން 127 މިލިއަން ރުފިޔާގެ މަޝްރޫޢުތަކަށް ޚަރަދުކޮށްފައިވާ ކަމަށެވެ.
ރާފިއު ވިދާޅުވީ މިދިޔަ އަހަރު ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޚަރަދުކުރެވިފައިވަނީ 123 މިލިއަން ރުފިޔާ ކަމަށާއި، މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި އެކި މަޝްރޫޢުތަކަށް 118 މިލިއަން ރުފިޔާ މި ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށެވެ. އޭގެ ތެެރޭގައި ފުޓްބޯޅަ ދަނޑުތަކާއި، ވޮލީ ކޯޓުތަކާއި ފުޓްސަލް ދަނޑުތަކާއި އައުޓްޑޯ ޖިމްތަކުގައި ވަޞީލަތްތައް ޤާއިމްކުރުން ހިމެނޭ ކަމަށް ރާފިއު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ މި ސަރުކާރު ފެށުނު އިރުގައި އެންމެ ފުރަތަމަވެސް އިސްކަން ދީފައިވާނީ ހުރި ވަޞީލަތްތައް ފަންކްޝަން އަށް ގެނެވޭތޯ މަސައްކަތް ކުރުން ކަމަށެވެ. އޭގެ ތެރޭގައި ޒޯން ސްޓޭޑިއަމްތައް މަރާމާތުކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މި ސަރުކާރުން ދެކެފައިވާނެ ކަމަށް ރާފިއު ވިދާޅުވިއެވެ. އަދި ވަކިން ޚާއްސަކޮށް ސ. ހިތަދޫ ޒޯން ސްޓޭޑިއަމް މަރާމާތު ކޮށް، އެތަނުގައި އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތްވެސް ވަރަށް ފުރިހަމަކަމާއެކު ބޭއްވިފައިވާކަމަށް ރާފިއު ވިދާޅުވިއެވެ.
މީގެ އިތުރުން ހދ. ކުޅުދުއްފުށީގައި ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ އެއް ފޭސްގެ މަސައްކަތް ނިމިފައިވާ ކަމަށާއި، އެ މަސައްކަތަށް 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރާފިއު ވިދާޅުވިއެވެ. އަދި ގދ. ތިނަދޫ ޒޯން ސްޓޭޑިއަމްގެ މަރާމާތަށް 9 ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ރާފިއު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ މި ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވީ މާލޭގައި ކުރިއަށްގެންދިޔަ ފުޓުބޯޅަ މުބާރާތްތައް ކުރިއަށްގެންދެވޭނެ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށެވެ. އޭގެ ތެރޭގައި ޤައުމީ ސްޓޭޑިއަމްގެ ލައިޓްތައް މަރާމާތުކޮށް ފަންކްޝަނަށް ގެނައުމުގެ މަސައްކަތް ޚާއްސަ އިސްކަމެއް ދީގެން ކޮށްފައިވާކަން ރާފިއު ފާހަގަކުރެއްވިއެވެ. އެ މަސައްކަތަށް 4 މިލިއަނެއްހާ ރުފިޔާ ޚަރަދުވިކަމަށް ރާފިއު ވިދާޅުވިއެވެ.



