ނިމިދިޔަ ސަރުކާރުން ގަލޮޅު ދަނޑުގައި އަޅަން ނިންމި ސްޓޭޑިއަމް ކެންސަލް ކުރީ ސަލާމަތީ ސަބަބުތަކާ ހުރެ ކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ރާފިއު ވިދާޅުވީ ގަލޮޅު ދަނޑުގައި ސްޓޭޑިއަމް އެއް އެޅުމަށް އެލްއޯސީ، އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގެ ދަށުން ހަމަޖެހިފައި އޮތް ކަމަށެވެ. ނަމަވެސް އެކަން މިދިޔަ ސަރުކާރުގައި ކުރެވިފައި ނުވާކަން ފާހަގަކުރައްވާ ރާފިއު ވިދާޅުވީ އެތަނަކީ ސްޓޭޑިއަމް އެއް އަޅަން އެންމެ އެކަށޭނެ ސަރަޙައްދުކަމަށް ނުވާތީ އިންޑިއާ ސަރުކާރާއެކު މި ސަރުކާރުން މަޝްވަރާތައްކޮށް، ހުޅުމާލެ ފޭސް 1 ގައި ސްޓޭޑިއަމް އަޅަން ނިންމާފައިވާ ކަމަށެވެ.
ރާފިއު ވިދާޅުވީ އެ ބިމަކީ މީގެ ކުރިންވެސް ސްޓޭޑިއަމް އެއް އަޅަން ޕްރޮޕޯސް ކޮށްފައި އޮތް ބިމެއް ކަމަށެވެ.
ރާފިއު ވިދާޅުވީ ގަލޮޅު ދަނޑުގައި ސްޓޭޑިއަމް އެއް އަޅަން އެންމެ އެކަށީގެން ނުވާ އެއް ސަބަބަކީ ސަލާމަތީ ސަބަބުތަކަށްޓަކާ ކަމަށެވެ. އަދި ޕާކިންގ އާއި، ޓްރެފިކް އަށް ބެލުމަށް ފަހުވެސް އެތަނަކީ ޤައުމީ ސްޓޭޑިއަމް އެއް އެޅުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށް ރާފިއު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ އެ މަސައްކަތަށް އެކަށައަޅާފައިވާ ބަޖެޓުން، މަލްޓި-ސްޕޯޓް އިންޑޯ ކޮމްޕްލެކްސް އެއް ހުޅުމާލޭގައި އެޅުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އިންޑިއާ ސަރުކާރުން އެކަން ހަމަޖައްސައިދީފައިވާ ކަމަށް ރާފިއު ވިދާޅުވިއެވެ.
ރަފީއު ވިދާޅުވީ މި މަޝްރޫޢާ އެކު އެކީގައި ހިނގާ އެހެން މަޝްރޫޢުތަކެއްވެސް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ސިންތެޓިކް ޓްރެކް އެޅުމާއި، ޓީޓީ އިންޑޯ ހޯލެއް ހެދުމާއި، ބާސްކެޓް އިންޑޯ ހޯލެއް ހެދުމާއި، ވޮލީ ކުޅޭނެ ތަނެއް ފަރުމާ ކުރުން ވެސް ހިމެނޭ ކަމަށް ރާފިއު ވިދާޅުވިއެވެ.
މި މަޝްރޫޢުތަކުގެ މަސައްކަތް އިންޑިއާގެ އެގްޒިމް ބޭންކުން މިހާރު ކުރަމުން އަންނަ ކަމަށާއި، އެ ޤައުމުގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ދިވެހި ސަރުކާރަށް އެންގުމާއެކު މަޝްރޫޢުތަކުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރާފިއު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ ސްޓޭޑިއަމް އެއް އެޅުމަށް 2-3 އަހަރު ހޭދަވާނެ ކަމަށާއި އެތަން ހަދާއިރުވެސް ފުޓުބޯޅަ ކުޅޭނެ ތަނެއް އޮންނަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެންމެ އެކަށީގެންވާ ގޮތަކީ އެހެން ތަނެއްގައި ސްޓޭޑިއަމް އެއް އެޅުމަށްފަހު، ދެން ގަލޮޅު ދަނޑު މަރާމާތު ކުރުން ކަމަށް ރާފިއު ވިދާޅުވިއެވެ.
މީގެ އިތުރުން ރަފީއު ވިދާޅުވީ ގަލޮޅު ދަނޑު މި ސަރުކާރުން މަރާމާތުކޮށްފައި ނުވާ ކަމަށާއި ނަމަވެސް ދަނޑުގެ ލައިޓްތައް ބަދަލުކޮށްފައިވާކަމަށެވެ. އަދި އެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބޭފުޅުން ލައްވާ ކަމަށް ރަފީއު ވިދާޅުވިއެވެ. މި މަސައްކަތް ކުރުމުގައި އެސްޓީއޯ އަދި އެމްޕީއެލް އިން ކްރޭން ފޯރުކޮށްދީފައިވާކަން ވެސް ރަފީއު ވަނީ ފާހަގަކުރައްވާފައެވެ.



