ރޭސިންގ ޓްރެކް އަޅާނެ ޖާގަ ތިލަަފުށިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ރާފިއު ވިދާޅުވީ ރާއްޖޭގެ ރޭސިންގ އެސޯސިއޭޝަން އާއި ޑްރިފްޓިންގ އެސޯސިއޭޝަން އާއި އެއްކޮށް ބައްދަލުކޮށްފައިވާ ކަމަށާއި މި ބައްދަލުވުމުގައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުން ފިލުވާފައިވާ ކަމަށެވެ.
ރާފިއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި، މާލެ ސަރަޙައްދުގައި ރޭސިންގ ޓްރެކެއް އަދި ޑްރިފްޓިންގ ޓްރެކެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން އެކަން ޢަމަލީ ގޮތުން ކުރުމަށްޓަކައި ބޭނުންވާނެ މަޢުލޫމާތާއި، އެ ކުޅިވަރުތައް ކުރިއަށްގެންދާ ތަނަކީ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ އެކަށޭނަ ތަނެއްތޯ ބެލުމަށް މަޝްވަރާތައް ކޮށްފައިވާކަމަށް ރާފިއު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ އެކަންކަން ބެލުމަށްޓަކައި ސަރުކާރުގެ ޓީމެއް ހަމަޖައްސާފައިވާ ކަމަށާއި ކޮންމެ ކުޅިވަރަކީވެސް އެ ކުޅިވަރު ކުޅުއްވާ ފަރާތްތަކަށް ވެސް އަދި ކުޅިވަރު ބައްލަވާ ފަރާތްތަކަށްވެސް ރައްކާތެރި މާޙައުލަކަށް ވާން ޖެހޭނެ ކަމަށެވެ.
ރާފިއު ވިދާޅުވީ ރޭސިންގ ޓްރެކެއް ހެދުމަށްޓަކައި ބޭނުންވާ ބިން ތިލަފުށިން ހަމަޖައްސައިދިނުމަށް ހައުސިންގ މިނިސްޓްރީގައި އެދިލައްވާފައިވާ ކަމަށެވެ. އަދި ޑްރިފްޓިންގ ޓްރެކެއް އެޅުމަށް ބޭނުންވާ ބިންވެސް ވަކިން ހަމަޖައްސައިދިނުމަށް އެދިލައްވާފައިވާ ކަމަށް ރާފިއު ވިދާޅުވިއެވެ. އަދި އެ ބިން ހަމަޖެހުނުހާ އަވަހަކަށް މަޝްރޫޢުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރާފިއު ވިދާޅުވިއެވެ.



