ގެވެށި އަނިޔާއާ ގުޅޭ ޙަޤީޤީ ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ "ކަމަނާ" ފިލްމަށް ލިބެމުންދާ ބޮޑު ތަރުޙީބާ ގުޅިގެން އިތުރު ޝޯވތަކެއް ބޭއްވުމަށް މަސައްކަތްކުރަމުންދާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން މަޢުލޫމާތު ދެއްވައިފިއެވެ.
ޙުސައިން މުނައްވަރު ޑައިރެކްޓްކޮށް، ޝާނިޒް ޢަލީ އާއި ޙުސައިން މުނައްވަރު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި މަރްޔަމް އައްޒަ، ޔޫސުފް ޝަފީޢު އަދި އާމިނަތު ރަޝްފާ (އާޝާ) ފަދަ މަޝްހޫރު ތަރިން ވަނީ ލީޑް ރޯލް އަދާކޮށްފައެވެ.
ފިލްމު ދެއްކުމަށް ހަމަޖެހިފައިވާ ހުރިހާ ޝޯވތަކެއްގެ ޓިކެޓް ވަނީ ވިކި ހުސްވެފައެވެ. މީގެ އިތުރުން، އިތުރަށް ހަމަޖެއްސި ޝޯވތަކުގެ ޓިކެޓްތައްވެސް ވަނީ ވިކިފައެވެ. މިހާ ބޮޑު ތަރުޙީބެއް ލިބުމާ ގުޅިގެން، ވަދާޢީ ޝޯވތަކެއް ބޭއްވުމަށް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.
އެގޮތުން މި މަހުގެ 15 ވަނަ ދުވަހު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ 'ފިލްމް އުދަބާނި'ގެ ޝޯތަކުގެ ތެރެއިން 'ކަމަނާ' އަށް ޚާއްޞަކޮށްގެން 3 ޝޯ ބޭއްވުމަށް އުދަބާނީގެ ޓީމާ މަޝްވަރާކުރަމުންދާ ކަމަށް ޑައިރެކްޓަރ ޙުސައިން މުނައްވަރު ވަނީ ހާމަކޮށްފައެވެ. އަދި އެ ޓީމުގެ ފަރާތުން ޖަވާބެއް ލިބުމާއެކު ވީ އެންމެ އަވަހަކަށް ވަދާޢީ ޝޯތަކުގެ ތަފްޞީލު ޢާންމުކުރާނެރާނެ ކަމުގައިވެސް އޭނާ ބުންޏެވެ.
ފަހުގެ ތާރީޚެއްގައި ދިވެހި ފިލްމަކަށް ލިބުނު އެންމެ ބޮޑު ތަރުޙީބު ކަމަށް ބެލެވޭ މި ފިލްމަށް ލިބެމުންދާ ތަރުޙީބަކީ ދިވެހި ފިލްމު ސިނާޢަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ފިލްމު އިންޑަސްޓްރީގެ ފަރާތްތަކުން ފާހަގަކުރެއެވެ.



