ޑިޖިޓަލް ކުރިއެރުމުގެ ސަބަބުން ހަރުދަނާ އަދި އީޖާދީ މުޖުތަމައެއް ބިނާވެގެންދާނެ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިފަދައިން ވަޒީރު ވިދާޅުވީ މިއަދު ބޭއްވުނު "ސަމިޓް އޮފް ދަ ފިއުޗަރ" ގެ ސައިޑް އިވެންޓެއް ކަމުގައިވާ "އަ ވިޜަން ފޯ އިންޓެލިޖެންސް ޑްރިވެން ފިއުޗަރ ފޯ މޯލްޑިވްސް" އިވެންޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ޑިޖިޓަލް އިޤްތިޞާދުގައި އެންމެންނަށް ބައިވެރިވެވޭނެ ގޮތް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަކީ އިނޮވޭޓަރުންނާއި ޓެކްނޮލޮޖީ އުފައްދާ ބަޔަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިންނަކީ ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ވުމުގެ ބަދަލުގައި، އެ ޓެކްނޮލޮޖީ އުފައްދާ ބަޔަކަށް ހެދުން. މިކަމަށްޓަކައި ޑިޖިޓަލް ދާއިރާއިން ތަޢުލީމު ޙާޞިލުކޮށްފައިވާ އާބާދީއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް ނިއުޔޯކު ސަމިޓުގައި ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ގޮވާލައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިކަމަކީ ދިވެހިރާއްޖޭގެ މުސްތަޤުބަލަށް ވަރަށް މުހިންމު ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ މިޝަނަކީ ސިމްޕަލް ޑައިރެކްޓް އެންޑް އަންވޭވްރިންގ. ޑިޖިޓަލް ކުރިއެރުމުގެ ސަބަބުން ކޮންމެ ދިވެއްސެއްގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާ ހަރުދަނާ އަދި އީޖާދީ މުޖުތަމަޢެއް ބިނާކުރުން. މި ތަޞައްވުރަކީ ހަމައެކަނި އާ ޓެކްނޮލޮޖީ ހިމެނުމަށްވުރެ ވެސް ކުރިއަށްދާ ވިސްނުމެއް. އޭގެ ތެރޭގައި ޑިޖިޓަލައިޒޭޝަނުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހުރިހާ ރައްޔިތުންނަށް ވެސް ހިފޭނެ ކަން ކަށަވަރު ކުރުން ހިމެނޭ އަމާޒަކީ ދިވެހިންނަކީ އިނޮވޭޓަރުންނާއި ޓެކްނޮލޮޖީ އުފައްދާ ބަޔަކަށް ހެދުން" ވަޒީރު ވިދާޅުވިއެވެ.



