ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަސް ދުނިޔެ ފާހަގަކުރަމުންދާއިރު، ރާއްޖެއިން މިފަހަރު ފަށަނީ ބަދަލުގެ ދަތުރެކެވެ. ވެރިކަމާއި ޙަވާލުވިތާ އެންމެ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ މަސައްކަތްތެރިން ބާރުވެރިކުރުވުމާއި، އިޤްތިޞާދު ދިރުވައި އާލާކުރުމާއި، އިންކްލޫސިވް ގްރޯތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ.
ސަރުކާރުން އިސްކަންދޭ މުހިންމު އެއް ކަމަކީ މަސައްކަތްތެރިންނަށް ނުދެވި ހުރި ފައިސާގެ މައްސަލަތައް ހައްލުކުރުމެވެ. ވަގުތުން ބަދަލު ދިނުމުގެ މުހިންމުކަން ދެނެގަނެ، މަސައްކަތްތެރިންނަށް ޙައްޤުވާ ފައިސާ ލަސްނުކޮށް ލިބޭނެ ގޮތް ހެދުމެވެ. މި ފަސް މަސްދުވަހު 850 މިލިއަން ރުފިޔާ މަސައްކަތްތެރި މަސްވެރިންނަށް ދީ ނިންމިއިރު ސަރުކާރުން ދަނީ ބާކީ އޮތް ހަތާވީސް މިލިއަން ރުފިޔާގެ ދަރަނިވެސް ނިންމުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ.
ދެން އޮތީ ޚިދުމަތުގެ އުމުރު 75 އަހަރަށް އިތުރުކުރެއްވުމުގެ ވާހަކައެވެ. ޕްރޮފެޝަނަލުންގެ ތަޖުރިބާގެ ބޭނުން ހިފަން ޖެހެއެވެ. ރިޓަޔަރމަންޓް އުމުރު މަތިކޮށްގެން ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބާރުގެ ތެރޭގައި އަގުހުރި ހުނަރުވެރިން ހިފެހެއްޓުމެވެ. ނަމަވެސް، ރިޓަޔަރމަންޓް އުމުރު 75 އަހަރަށް އިތުރުކުރުމަކީ ވަކިވަކި މަސައްކަތްތެރިންނާއި ފުޅާ އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. ފުރަތަމަ ކަމަކީ، އުމުރުން ދުވަސްވީ މީހުންނަށް ނާޖާއިޒު ބުރައެއް ކުރިމަތިވެ، އިތުރަށް އަހަރުތަކެއް މަސައްކަތް ކުރަމުންދިޔުމުން، އެމީހުންގެ ޖިސްމާނީ ޞިއްޙަތާއި ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުން ލިބުން ގާތްވުމެވެ. އަދި ވަޒީފާގެ ބާޒާރުގައި ދިގުދެމިގެންދާ މި މުއްދަތަކީ ޒުވާން ޖީލުތަކަށް ވަޒީފާގެ ބާޒާރަށް ނުކުމެ ކެރިއަރުގައި ކުރިއެރުމުގެ ފުރުޞަތުތައް ހަނިވާނެ ކަމެކެވެ. މީގެ އިތުރުން ތަރައްޤީވަމުން އަންނަ ޓެކްނޮލޮޖީތަކާއި މަސައްކަތުގެ މާހައުލުގެ އުޞޫލުތަކަށް ހޭނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވެދާނެ އެވެ. ވޯކްފޯސް ރިޖުވެނޭޝަން (ވޯކްފޯސް އާލާކުރުމުގެ ޕްރޮސެސް) އަދި ސަކްސެޝަން ޕްލޭނިންގ އަށް ހުރަސްއެޅޭނެއެވެ.
ޖުމްލަކޮށް ބަލާއިރު، ސަރުކާރުގެ ނިޔަތަކީ ތަޖުރިބާކާރު ޕްރޮފެޝަނަލުންގެ ކުޅަދާނަކަން ބޭނުންކުރުން ކަމުގައި ވިޔަސް، ރިޓަޔަރމަންޓް އުމުރު 75 އަހަރަށް އިތުރުކުރުމަކީ ފަރުދީ ދުޅަހެޔޮކަމަށް ބުރޫއަރާ، ޖީލުގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެ، އިޤްތިޞާދީ ޑައިނަމިޒަމަށް ހުރަސްއެޅޭނެ ކަމެކެވެ.
- ސަރުކާރުގެ ބޮޑު އެޖެންޑާ
އިޤްތިޞާދީ ޙަރަކާތްތައް ފުޅާކޮށް، އާ ދާއިރާތައް ތަޢާރަފް ކުރުމަށް ރައީސް ޑރ. މުއިއްޒުގެ ބޮޑު އެޖެންޑާގެ ސަބަބުން ރިހެމުން އައި އިޤްތިޞާދު ރަނގަޅުވެގެން ދާނެއެވެ. ފުރަތަމަ ކަމަކީ، އާ ސިނާޢަތްތައް އުފެދުމާއެކު، ތަފާތު ހުނަރުތައް ކުރިއަރައިގެން ދިޔުމެވެ. ވަޒީފާތައް އިތުރު ވުމެވެ. މި ކުރިއެރުންތަކުގެ ސަބަބުން ވަޒީފާނެތް މީހުންގެ ނިސްބަތް ދަށްވެގެން ދިއުމާއި އެކު ފަރުދުންނަށް ހިތްހަމަޖެހޭ އާމްދަނީ އާއި ކުރިއެރުމުގެ ފުރުޞަތުތައް ހޯދައިދީ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެއެވެ. މީގެ އިތުރުން އާ ދާއިރާތައް ތަޢާރަފްވުމުން، އިޤްތިޞާދަށް ޑައިނަމިޒަމް އިންޖެކްޓްކޮށް، ކުރިއެރުން ކެޓަލައިޒް ވެގެންދެއެވެ. ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފުޅާވެ، ބޭނުން ނުކުރެވި ހުރި މާކެޓްތަކަށް ވަދެވޭނެއެވެ. އުފެއްދުންތެރިކަން އިތުރުވެ، ދުނިޔޭގެ މަޝްހޫރުކަމާ ދިމާއަށް ޤައުމު ކުރިއަށް ދެމިގެން ދާނެއެވެ. އިޤްތިޞާދީ ހަރަކާތްތައް އިތުރުވުމުން ދިވެހިންނާއި ބޭރުގެ އިންވެސްޓްމަންޓް އިންފްލޯއަށް ބާރު ލިބި، ފުޅާކުރުމަށް އިތުރަށް “ތެޔޮ” ލިބި، އިންފްރާސްޓްރަކްޗަރ ތަރައްޤީ ވެގެންދާނެއެވެ. މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ބިންގާ އެޅުން ފަދަ ކަންކަމެވެ.
- މަސައްކަތްތެރީންގެ މުސާރަ ބޮޑުވުމާއި އިޖްތިމާޢީ ލޮޅުންގަނޑަށް ހައްލެއް
މޭޑޭއަށް ދެ ދުވަހަށް ވެފައި އޮއްވައި އަހާ ފޯރަމްގައި ފުލުހުންނާ ގުޅުންހުރި ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ރާވާފައިވާ ރޭވުން އަވަސްވެގެންދާނެ ކަމަށް ހޯމްމިނިސްޓަރު ވަޢުދުވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ކުށްވެރިންނަށް މަރުކަޒީ ރިހެބިލިޓޭޝަން ފެސިލިޓީއެއް ޤާއިމް ކޮށް، ރަނގަޅު މުސާރައެއް ލިބޭނެ ބަޔަކަށްވެގެން އަލުން މުޖުތަމަޢަށް ވަނުމަށް ތައްޔާރަށް ތިބި ހުނަރުވެރި މަސައްކަތްތެރިންނަށް އެމީހުން ބަދަލުކުރާނެ ކަމަށްވެސް ވަޢުދުވެވަޑައިގެންނެވިއެވެ. މިކަމުގެ ސަބަބުން އިޖްތިމާޢީ ބަލިމަޑުކަން ބޮޑުތަނުން ކުޑަވެ ކުށުގެ ވެށީގައި އުޅޭ އާބާދީގެ ބޮޑު ބައެއް ރަނގަޅު މުސާރައެއް ލިބޭ މަސައްކަތްތެރީންނަށް ބަދަލުވެ ޤައުމަށް އޭގެ ނަފާ ލިބޭނެއެވެ.
ސުވާލަކީ މިއީ މަސައްކަތްތެރީންގެ ދުވަސް މިއަދު އަންނާތީވެ، “އަޑުގަދަކުރާމީހުން” ކޮންޓުރޯލް ކޮށްލަން ދައްކާލި ވާހަކައެއްތޯއެވެ؟
ޔަޤީންވެ ކަށަވަރުވާ ކަމަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި އީ-ވޮލެޓާއި ޕޭމަންޓް ގޭޓްވޭ ތަޢާރަފްކުރުމުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ދޮރު ހުޅުވި ދުނިޔޭގެ މައިދާނުގައި ޤައުމުގެ ގާބިލްކަން ދައްކުވައިދޭނެ އެވެ. ޓޫރިޒަމް ދާއިރާވެސް އިތުރަށް ފުޅާވެ، ޚާއްޞަ އިންޝޫރެންސް ސްކީމެއްގެ ހިޔަލަށް ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މަސައްކަތްތެރީންނަށް ވަދެވިދާނެއެވެ.
- ވަޒީފާ ދޫކޮށްލި މަސައްކަތްތެރީން އަލުން ގޭޓުން އެތެރެއަށް ވެއްދުން!
އެކިއެކި ސަބަބުތަކާހުރެ ސިވިލް ސާވިސްގެ ވަޒީފާތައް ދޫކޮށްލި މަސައްކަތްތެރީންނަށް ފުރުޞަތުތައް ފުޅާކޮށް، އަލުން އަނބުރާ ކުރިން ހުރި ނުވަތަ އެއަށްވުރެ މަތީ ވަޒީފާތައް އެ މަސައްކަތްތެރީންނަށް ހުށަހެޅުމަކީ މިއަދު ފާހަގަކުރާ މަސައްކަތްތެރީންގެ ދުވަހު ޤައުމަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ.
ފެންނަ ފެނުމަށް މި އެޅެނީ ބިންގާ އެކެވެ. ޤައުމު ދަތުރު މިކުރަނީ، މިއަށްވުރެ ތަނަވަސް މާދަމާއަކާ ދިމާލަށެވެ.
ނަމަވެސް އުފެދޭ ސުވާލަކީ މިހުރިހާ ކަމެއްގެ ފަހަތުގައި އޮތީ ހަމައެކަނި މިދުވަހާއި ދިމާކޮށް “އަޑު ގަދަކުރާ މީހުން”ގެ ދޫ ބަންދު ކޮށްލުންތޯ އެވެ؟



