ތުރުކީގެ ކަނޑުގެ އަސްކަރިއްޔާގެ އުޅަނދެއް ރާއްޖެ އަތުވެއްޖެއެވެ.
އެ އުޅަނދު ރާއްޖެ އައުމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ މަރުޙަބާ ކިޔާފައެވެ. އެގޮތުން އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ރާއްޖެ އައި ތުރުކީގެ ނޭވަލް ޝިޕް ޓީސީޖީ ކިނަލިއާޑާއަށް މަރުޙަބާ ކިޔާކަމަށެވެ. އަސްކަރީ އުޅަނދުގެ މި ދަތުރަކީ ޑިޕްލޮމެޓިކް އަދި ޖިއޯޕޮލިޓިކަލް ގުޅުން ބަދަހިކުރުމަށް ކުރާ ދަތުރުތަކެވެ.
ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުން އެ އުޅަނދު ރާއްޖެއަށް އައުމަށްޓަކައި ތުރުކީން ފުރާފާއިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އެ އުޅަނދު ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ބައެއް ޤައުމުތަކަކީ ތުރުކީގެ ދިފާއީ އުފެއްދުންތައް ބޭނުންކުރާ ޤައުމުތައް ކަމުގައިވެސް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ތުރުކީއަށެވެ. ތުރުކީ ސަރުކާރާއެކު ރާއްޖެއިން މުހިންމު މަޝްވަރާތަކެއް ކޮށްފައިވާއިރު ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ޑްރޯން ހޯދާފައިވަނީވެސް ތުރުކީންނެވެ.
ތުރުކީގެ ސަރުކާރުގެ އެހީތެރިކަމާއެކު، މިހާތަނަށް އަސްކަރީ ތިން ޑްރޯން ރާއްޖެއަށް ދީފައިވާއިރު އެ ޑްރޯންތައް ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މާޗް 15 ވަނަ ދުވަހުގެ ރޭ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯންއެވެ. އޭގެ އިތުރު ޑްރޯންތައް ގެންނަން ވަނީ ނިންމާފައެވެ. އެ ތަކެތި ރާއްޖޭގައި އޮޕަރޭޓް ކުރުމަށްޓަކައި ދިވެހި ސިފައިންގެ ޓީމެއް ތުރުކީއަށް ފޮނުވައިގެން ވަނީ ތަމްރީނުކޮށްފައެވެ.
އެމެރިކާއިން މިލިޓަރީ އާލަތްތައް ތުރުކީއަށް ފޯރުކޮށްދިނުން ހުއްޓާލުމާ ގުޅިގެން، ތުރުކީގެ ޑްރޯން ކުންފުނި، ބައިކާރު އިން އުފެއްދި ޑްރޯންތަކުގެ ތެރޭގައި "ބައިރަކްތާރު ޓީބީ2" ޑްރޯންގެ އުދުހުންތައް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.
އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތަކާ އެކު އުފައްދާފައިވާ މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ.
ރިޕޯޓުތައް ބުނާ ގޮތުން ތުރުކީގެ ކަނޑުގެ އަސްކަރިއްޔާގެ އުޅަނދު ޖަޕާނަށް ދަތުރުކޮށްފައިވާއިރު ބޯޓާއި ބޯޓުގެ ފަޅުވެރިން ވަނީ ސަޢުދީ އަރަބިއްޔާއާއި ޖިބޫޓީގައި މަޑުކޮށްފައެވެ. މި ދަތުރުގެ ތެރެއިން ސޯމާލިއާ، ރާއްޖެ، ބަންގްލަދޭޝް، މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލޭންޑް، ޗައިނާ އަދި ދެކުނު ކޮރެއާއަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ އުޅަނދު އަނބުރާ ޤައުމަށްދާއިރު ފިލިޕީންސް، ސިންގަޕޫރު، ސްރީލަންކާ، އިންޑިއާ، އޮމާން، ގަތަރު، ޔުނެއިޓެޑް އަރަބް އެމިރޭޓްސް، ޕާކިސްތާން، ޖިބޫޓީ އަދު އުރުދުންގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.



