އިންޑިއާގެ ހަވާދުގެ ދެ ބްރޭންޑަކުން ކެމިކަލް މާއްދާއެއް ފެނުމާ ގުޅިގެން ރާއްޖޭގައި ބޭނުންކުރާ ހަވާދުތައް ޓެސްޓުކުރަން ސާމްޕަލް ނަގަން ފަށައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ އިންޑިއާގެ އުފެއްދުމެއް ކަމަށްވާ 'އެވަރެސްޓް' އަދި 'އެމް.ޑީ.އެޗް' ބްރޭންޑުގެ ހަވާދުގެ ބައެއް ބާވަތްތަކުގައި 'އެތިލިން އޮކްސައިޑް' ހުރިކަން ފާހަގަކުރެވިގެން ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ހަވާދުތައްވެސް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަން ފަށާފައިވާކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ ސާމްޕަލް ނަގަން ފެށި ނަމަވެސް އެ ސާމްޕަލްތައް ފޮނުވާނެ ޤައުމެއް އަދި ނުނިންމާ ކަމަށެވެ. އަދި އެ ސާމްޕަލްތައް ފޮނުވޭނެ ދުވަހެއްވެސް އަދި ނޭނގޭ ކަމަށް ބުންޏެވެ. ނަމަވެސް ރާއްޖެއިން ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބުމުގެ ކުރިން އެހެން ޤައުމަކުން އެކަމާ ގުޅޭ ގޮތުން އެލާޓެއް ނެރެފިނަމަ އެއަށް އަމަލުކުރާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެމްއެފްޑީއޭއިން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ 'އެވަރެސްޓް' އަދި 'އެމް.ޑީ.އެޗް' ބްރޭންޑުގެ ހަވާދުގެ ބައެއް ބާވަތްތަކުގައި 'އެތިލިން އޮކްސައިޑް' ހުރިކަމަށް ބުނެ ސިންގަޕޯރ ފުޑް އެޖެންސީ އަދި ހޮންކޮންގގެ ސެންޓަރ ފޮރ ފުޑް ސޭފްޓީން އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށް، އަސަރުކޮށްފައިވާ އެ ބްރޭންޑުގެ ބާވަތްތައް ބާޒާރުން ނެގުމަށް އަންގާފައިވާކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ 'އެތިލިން އޮކްސައިޑް' އަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓްކުރުމަށް ބޭނުންކުރާ ކެމިކަލެއް ނަމަވެސް ސިއްޙަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި އެ ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ. އެ ކެމިކަލަކީ ކެންސަރު ޖެހުމަށްވެސް މަގުފަހިވާ ކެމިކަލެކެވެ.
'އެވަރެސްޓް' އަދި 'އެމް.ޑީ.އެޗް' ބްރޭންޑުގެ ހަވާދަކީ ރާއްޖެއަށްވެސް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރަމުން އަންނަ ހަވާދުގެ ބާވަތަކަށް ވާއިރު، ރާއްޖެއަށް އެތެރެކުރާ އެ ބްރޭންޑުގެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމުގެ މަސައްކަތް އެމްއެފްޑީއޭއިން ވަނީ ފަށާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 'އެވަރެސްޓް' އަދި 'އެމް.ޑީ.އެޗް' ބްރޭންޑުގެ ހަވާދުގެ ބާވަތްތައް ރާއްޖެ އެތެރެނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.



