ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ޙަމަލާ ދިން މައްސަލައިގެ ޝަރީޢަތް ފަށައިފިއެވެ.
ޝަމީމަށް ޙަމަލާ ދިން މައްސަލައިގެ ތަހުޤީޤު ނިންމާ 7 މީހަކަށް ދަޢުވާކުރަން ފޮނުވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 18 ގައެވެ.
ޝަމީމަށް ޙަމަލާ ދީފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގޭގެ ދޮރުމަތިންނެވެ. މަރުތޭލެއް ބޭނުންކޮށްގެން އޭނާ އަށް ޙަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހެކެވެ. ޙަމަލާ ދިން އިރު އެ ދެމީހުން ތިބީ މޫނު ނިވާކޮށްގެންނެވެ.
ޝަމީމުގެ ވައަތުގެ މުލައްދަނޑިއަށް މި ޙަމަލާ އަމާޒުވެފައިވާއިރު، ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއް ވެސް ވަނީ ލާފައެވެ. އޭނާ އަށް ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.
އެ މައްސަލައިގައި ދަޢުލަތުން ދަޢުވާ ކުރަނީ ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި ތ. ދިޔަމިގިލީ ރުވާ، އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247، އަހުމަދު މައިސާން ހާޝިމްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ދަޢުވާ ލިބޭ ހަތް މީހުންގެ ތެރެއިން ހަ މީހުންގެ ފަރާތުން އެދުނީ ވަކީލުން އައްޔަންކުރުމުގެ ފުރުޞަތު ދިނުމަށެވެ. އެގޮތުން އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ ވަކީލުން އައްޔަންކުރަން ގިނަވެގެން ދެވޭނީ 10 ދުވަހުގެ މުއްދަތެއް ކަމަށެވެ.
ދަޢުވާ ލިބޭ މީހުންގެ ތެރެއިން މައިސާން މިއަދު ކޯޓަށް ހާޒިރުނުކުރެވިފައިވާއިރު ގާޒީ އިހްސާން ވިދާޅުވީ މައިސާން ހާޒިރުނުކުރެވުނީ ފުލުހުންނަށް ދިމާވި އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން އޭނާގެ ބައި މިއަދު ކުރިއަށްގެންގޮސްފައެއް ނުވެއެވެ.
މި މައްސަލައިގައި ދަޢުވާ ލިބޭ ހަތް މީހުންވެސް މިހާރު ތިބީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.



