ވިނަރެސް ފްލެޓް ގަންނަން މިދިޔަ ނޮވެމްބަރު މަހު ހުށަހެޅި ފޯމުތައް ބާތިލްކޮށްފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ މިދިޔަ ނޮވެމްބަރު މަހު އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓު ގަތުމަށް ހުޅުވާލުމާއެކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ފްލެޓްތައް ވިކި ހުސްވިކަމަށް ޕޯޓަލް އިން ދެއްކި ކަމަށެވެ. އަދި ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން އެޕްލިކޭޝަންތައް ބާތިލުކޮށްފައިވާކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ވިނަރެސް ފްލެޓު ގަތުމަށް އޭރު ހުޅުވާލީ ކުރީ ސަރުކާރުގެ ވެރިކަން ނިމެން 12 ދުވަހަށް ވެފައި ވަނިކޮށެވެ. ނޮވެމްބަރު މަހު ހުށަހަޅާފައިވާ ހުރިހާ ފޯމެއް ބާތިލުކޮށްފައިވާއިރު އެޗްޑީސީން ބުނީ އެ ފްލެޓްތައް ވިއްކަން ދެން އަލުން ހުޅުވާ ނުލާނެ ކަމަށެވެ.
އެޗްޑީސީން ބުނީ ނޮވެމްބަރު މަހު ހުޅުވާލި ފުރުޞަތުގައި ގިނަ ޝަކުވާތަކެއް ލިބުނު ކަމަށާއި އެ ޝަކުވާތައް ބެލުމުން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ގެއްލުމުން ނޮވެމްބަރު މަހު ހުށަހެޅި ހުރިހާ އެޕްލިކޭޝަންތަކެއް ބާތިލުކުރީކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ފޯމުތައް ބާތިލުކުރަން ނިންމީ ހުޅުމާލޭގައި ފަށާފައިވާ ބައެއް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފައިސާ ދެއްކިނަމަވެސް މަޝްރޫޢު ކުރިއަށް ނުދާތީ އެކަމުގެ ޝަކުވާތަކާއި ގުޅިގެން އެފަދަ ފަރާތްތަކަށް ވިނަރެސް އިން ފުރުޞަތު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.
އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ޓަވަރުތަކުގައި ޖުމްލަ 1344 އެޕާޓްމަންޓް ހިމެނެއެވެ.



