ހައްދުންމަތީގައި ދެވަނަ އެއަރޕޯޓު ގާއިމުކުރާނަމަ، މާވަށުގައި ގާއިމުކޮށްދިނުމަށް މާވަށު ކައުންސިލުން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިއްޖެއެވެ.
ހައްދުން މައްޗަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ މާވަށަށެވެ. މި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި ވަނީ ބައްދަލުކޮށް މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި އެރަށު ކައުންސިލުން ވަނީ ފުރަތަމަ މަންޒިލެއްގެ ގޮތުން މާވަށަށް މިއަދު ވަޑައިގެންނެވުމަކީ މި ސަރުކާރުން މާވަށަށް ދެއްވާ އިސްކަން ހާމަވިކަމެއް ކަމަށް ވިދާޅުވެފައެވެ.
ދަތުރުފަތުރުގެ ދަތިކަމާއި ލާމު އަތޮޅުގެ އެހެން ރަށްރަށާ ހުރި ދުރުމިން ފާހަގަކުރައްވާ މާވަށު ކައުންސިލުން ވަނީ ހައްދުންމަތީގައި ދެވަނަ އެއަރޕޯޓެއް ގާއިމުކުރާނަމަ މާވަށުގައި އެ އެއަރޕޯޓު ގާއިމުކޮށްދެއްވުމަށް އެރަށު ކައުންސިލުން ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ޓޫރިޒަމް ތަރައްގީ ކުރުމާއި ސިއްހީ ހިދުމަތް ތަރައްގީ ކުރުމާއި ގޯތި ދިނުމަށް ބިން ދޫކުރުމަށް ބިން ހިއްކުމުގެ މުހިންމު ކަމަށްވެސް އެރަށު ކައުންސިލުން ވަނީ ފާހަގަކޮށް، ރައީސްގެ އަރިހުން ދަންނަވާފައެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރިޔަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށު ކައުންސިލަށް ދެއްވާފައެވެ.



