މި އަހަރުގެ އޮގަސްޓް މަހުގެ ޖުމްލަ ރިޒާވަށް %11 ގެ ކުރިއެރުމެއް ލިބިއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރިޒާވް ވަނީ 395 މިލިއަން ޑޮލަރުން 444 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއާއެކު ޔޫޒަބަލް ރިޒާވް ވެސް %26 ވަނީ އިތުރުވެފައެވެ. އެގޮތުން ޔޫޒަބަލް ރިޒާވްގައި މިވަގުތު 61 މިލިއަން ޑޮލަރު ހުރި އިރު، އޭގެ ކުރީ މަހު ހުރީ 45 މިލިއަން ޑޮލަރެވެ.
ފިނޭންސް މިނިސްޓަރ ޑރ. މުޙައްމަދު ޝަފީޤް މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައިވަނީ ރިޒާވް އިތުރުވެފައިވަނީ ދަޢުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށެވެ.
މި އަހަރު ފެށުނު އިރު ޖުމްލަ ރިޒާވްގައި 551 މިލިއަން ޑޮލަރު ހުރި އިރު މި އަހަރު ޖުމްލަ ރިޒާވް އެންމެ ބޮޑަށް އިތުރުވެފައިވަނީ ފެބްރުއަރީ މަހުއެވެ. އެގޮތުން އެ މަހު ޖުމްލަ 588 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.
އެވްރެޖް ޔޫޒަބަލް ރިޒާވުގައި 2022 ވަނަ އަހަރު 293 މިލިއަން ޑޮލަރު ހުރި އިރު 2023 ވަނަ އަހަރު ހުރީ 161 މިލިއަން ޑޮލަރެވެ. އަދި މި އަހަރުގެ މި ވޭތުވެދިޔަ 7 މަސް ދުވަސް ތެރޭ 93 މިލިއަން ޑޮލަރު އެބަ ހުއްޓެވެ.
މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އެމްއެމްއޭއިން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ބުނެފައެވެ.
އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި އެމްއެމްއޭ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މީގެ އިތުރުން، ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މީގެ އިތުރުން، މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.



