ފުލުހުންގެ ތެރޭގައި އުޅޭ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އަންނަ ޖޫން މަހުގެ ތެރޭގައި ބޮޑުވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
"އަހާ"ގެ ނަމުގައި ކުރިއަށްގެންދިޔަ ވަޒީރުންގެ ދެވަނަ ޕަބްލިކް ފޯރަމުގައި ރޭ އާންމު މީހަކު ވަނީ ފުލުހުންގެ މުސާރަ ބޮޑުކުރިއިރު ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުނުކޮށްދިނީ ކީއްވެތޯ މިނިސްޓަރާ ސުވާލުކުރައްވާފައެވެ. އަދި ފުލުހުންގެ ސިވިލް ސަރވަންޓުންނަކީ ވެސް ފުލުހުންނާ އެއްވަރަށް ރިސްކު ނަގައިގެން މަސައްކަތް ކުރާ ބައެއްކަން އޭނާގެ ސުވާލުގައި ވަނީ ފާހަގަކޮށްފައެވެ.
އެ ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރ އިހުސާން ވިދާޅުވީ މި ސަރުކާރުން މުސާރަ މުރާޖައާކުރުމުގައި ގެންގުޅޭ ވިސްނުމަކީ އެ ދެބައި މީހުންގެ މުސާރަވެސް އެއްފަހަރާ ބޮޑުކުރުން ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދަޢުލަތް އޮތީ އެއްކޮށް ހުސްވަފައިކަމަށެވެ. އެގޮތުން މުސާރަތައް މުރާޖައާކުރަމުން އަންނަނީ ދަޢުލަތަށް ފައިސާ ވަންނަ މިންވަރަކުން ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ފުލުހުންގެ ސިވިލް ސަރވަންޓުންގެ މުސާރަވެސް މުރާޖައާކުރަން ނިންމާފައިވާނީ އެ އޮނިގަނޑުގައި އިން ގޮތަށް ކަމަށެވެ. އަދި ޖޫން މަހު ލިބޭ މުސާރާގައި އެ ބަދަލު އަންނަނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ހުވާކޮށްގެން ތިބޭ ފުލުހުންނަކީ އެކްސްޓްރީމް ރިސްކަކަށް ފްރޮންޓް ލައިނަށް ނުކުންނަން ޖެހޭ ސްޓާފުން ކަމަށެވެ. އަދި ހުރިހާ ސިވިލް ސަރވަންޓް މުވައްޒަފުންނަށް އެ ރިސްކު ނޯންނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
ފުލުހުންގެ މުސާރަ %35 ބޮޑުކޮށްފައިވަނީ މި މާޗް މަހުއެވެ. މިއީ 2009 ވަނަ އަހަރަށް ފަހު އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރަ ބޮޑުކުރި ފުރަތަމަ ފަހަރެވެ. ފުލުހުންގެ އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް މުސާރައިގެ އިތުރުން މަޤާމުގެ އެލަވަންސް، ޖޮބް އެލަވަން އަދި ކުރާ މަސައްކަތާ ގުޅޭ ގޮތުން ދޭ އެލަވަންސް އެވެ.



