މިދިޔަ ބުދަ ދުވަހުގެ ރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ގދ. ގައްދޫ، ޖުޕިޓަރ އުމުރުން 21 އަހަރުގެ މުޙައްމަދު ލީވާން ޢަބްދުއްލަޠީފް ރޭ ނިޔާވެއްޖެއެވެ.
ލީވާން ނިޔާވީ އޭނާ ދުއްވި ސައިކަލް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާތާ 3 ދުވަސް ވެފައި ވަނިކޮށެވެ.
މި އެކްސިޑެންޓު ހިނގީ މިދިޔަ ބުދަ ދުވަހުގެ ރޭ 12:53 ހާއިރު، ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތިން ކޮއިމަލާ ހިނގުމަށް އަޅަން އުޅުނު ޓެކްސީއެއްގައި ލީވާންގެ ސައިކަލް ޖެހިގެންނެވެ. މައުލޫމާޓު ލިބިފައިވާ ގޮތުގައި ލީވާން ބާރު ސްޕީޑްގައި ދުއްވި ސައިކަލް ޓެކްސީގެ ގުރީކޮޅުގައި ޖެހި ޓެކްސީއާއި ސައިކަލްގެ ކުރީކޮޅަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
މިއީ ކާރަކާއި ސައިކަލެއް ޖެހި މިހަފްތާގައި ނިޔާވި ދެވަނަ ޒުވާނާއެވެ.



