"މިސްޓާ މޯލްޑިވްސް" މުޙައްމަދު ޔާމީން (ޔާންބެ) ގެ ކިޑްނީ ފެއިލްވުމާ ގުޅިގެން ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް ދިވެހި ޓިކްޓޮމް ކޮމިއުނިޓީ އިން އިންތިޒާމްކޮށްގެން މިރޭ ބޭއްވި ޓިކްޓޮކް ލައިވްއަކުން 210,304.28 ރުފިޔާ އަދި 1,382 ޑޮލަރު އެއްކުރެވިއްޖެއެވެ.
ޔާންބެ ބުނިގޮތުގައި އޭނާގެ ދެ ކިޑްނީ ވެސް ފެއިލްވިކަން އެނގުނީ މިދިޔަ މަހުގެ ފެށުނު ހިސާބުގައެވެ. އެކަން އެނގުނީ ބަލީގެ އަލާމާތްތައް ފެނުމާ އެކު ހެދި އާދައިގެ ލޭގެ ޓެސްޓަކުންނެވެ. އާންމުކޮށް ބޮޑީބިލްޑު ކުރާ މީހުންގެ ލޭގައި ބައެއް މާއްދާތައް އެހެން މީހުންނަށްވުރެ ގިނަވުމުގެ ސަބަބުން، މީގެ ކުރިން ހެދި ޓެސްޓުތަކުން ވެސް ކިޑްނީގެ މައްސަލަ ހުރިކަން ދެނެނުގަނެވުނު ކަމަށް ޔާންބެ ވަނީ ހާމަކޮށްފައެވެ.
މިރޭ ގެ ޓިކްޓޮކް ފަންޑްރައިޒިންގ އިން ގިނަ އަދަދެއްގެ ފައިސާ ޔާންބެގެ ފަރުވާއަށް ލިބިގެން ދިއުމުން އެކަމަށް ޝުކުރު އަދާކޮށް ޔާންބެ ދެއްކި ވާހަކައިގައި ބުނީ މިފަދަ ގިނަ އަދަދެއްގެ ފައިސާ ދިވެހި ރައްޔިތުންގެ ފަރާތުން ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި، ނަމަވެސް ދިވެހިންގެ ފަރާތުން ލިބިގެން ދިޔަ ސަޕޯޓަށް ވަރަށް ޝުކުރުވެރިވާކަމަށެވެ.
ޔާންބެއަކީ ޒުވާން ޕޭޝަންޓަކަށް ވުމުން، ލަސްނުކޮށް ފަރުވާ ކުރުމަށް ޑޯނާއެއް ހޯދުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
މި ކާމިޔާބު ފަންޑްރެއިސިންގ ކެމްޕޭނުން ދައްކުވައިދެނީ ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރަނގަޅު ގޮތުގައި ބޭނުންކުރުމުގެ މުހިންމުކަމެވެ. އަދި ޔާންބެގެ މި ތަޖުރިބާއިންވެސް އެނގިގެންދަނީ އިޖްތިމާޢީ ކަންކަމަށް މިފަދަ ޕްލެޓްފޯމްތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމުން ލިބިދާނެ ފައިދާތަކެވެ.



