ނިމިދިޔަ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ވިއްކާފައިހުރި ޑޮމެއިން ނަމްބަރުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ނަމްބަރުތަކަކީ ފޭކް ނުވަތަ ޞައްޙަ ނޫން ނަމްބަރުތަކެއް ކަމަށާއި، އެ ނަމްބަރުތައް ޤާނޫނުގެ ތެރެއަށް ވެއްދުމުގެ ފުރުޞަތުދޭން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
"އަހާ"ގެ ނަމުގައި ކުރިއަށްގެންދިޔަ ވަޒީރުންގެ ދެވަނަ ޕަބްލިކް ފޯރަމުގައި ރޭ ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާގޮތުގައި 1400 ޑޮމެއިން ނަމްބަރު ބޭނުންކުރަމުން އަންނައިރު، 700 އެއްހާ ޑޮމެއިން ނަމްބަރަކީ ޞައްޙަ ނޫން ނަމްބަރުތައް ކަމަށެވެ. އަދި އެ މައްސަލަ އެހާ ބޮޑުވެގެން ދިޔައީ ހަމައެކަނި އެ ނަމްބަރުތައް ގެންގުޅޭ ފަރާތުގެ މައްސަލައަކުން ނޫންކަމަށާއި، އެކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިންވެސް ބަޔަކު އިޙުމާލުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން ދަޢުލަތުގެ ނިޒާމުގެ ތެރެއަށް ނުވަދެ ހުރި ބައެއް ޑޮމެއިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާފައިވެސް އެބަހުރިކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޑޮމެއިންގެ ކަންކަން ހުއްޓިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް 2 ސިޓީއެއް ފޮނުވާ އެންގުމުން ކަމަށެވެ. ޑޮމެއިންގެ މައްސަލަ ވަރަށް ބޮޑުވެފައިވާކަމަށާއި އެކަމުގައި ތިން ކަމެއް ފާހަގަކުރެވިފައިވާކަމަށް އަމީން ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ވަރަށް ކުރިންސުރެން ރަނގަޅަށް ޑޮމެއިން ނަގައިގެން ގެންގުޅުނު ފަރާތްތަކަށްވެސް އެ ސިޓީއާއެކު ޚިދުމަތް ދިނުން ހުއްޓާލާފައި އޮތުން.
- ޤާނޫނުން ލާޒިމްކުރާ އުޞޫލުން ބޭރުން އެތައް ޑޮމެއިންތަކެއް ގެންގުޅުން.
- ފޭކް ނޫންގޮތުގައި ޑޮމެއިން ނަމްބަރު އަމިއްލައަށް ޖަހައިގެން އުޅުން.
އަމީން ވިދާޅުވީ ޤާނޫނީ އިމުގެ ތެރެއިން ޑޮމެއިން ނަމްބަރުތައް ނަގައިގެން ޚިދުމަތްދޭ މީހުން ތިބިއިރު ވަކި ބަޔަކު ގޯސް ހެދުމުން ރަނގަޅުގޮތުގައި އެކަން ކުރާ މީހުންނަށް އޭގެ ގެއްލުން ލިބެންޖެހޭ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އަދި ޞައްޙަގޮތުގައި އެކަން ކުރާ މީހުންނަށް ޑޮމެއިން ނަމްބަރުތަކުގެ ޚިދުމަތް މި ސަރުކާރުން ދެމުން އަންނަކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޞައްޙަ ނޫން ގޮތުގައި ބޭނުންކުރާ ޑޮމެއިން ނަމްބަރުތައް އެ ބޭނުންވާ ލިޔެކިޔުންތަކާއެކު ހުށަހަޅައިގެން ޤާނޫނީ ނިޒާމުގެ ތެރެއަށް ވެއްދުމުގެ ފުރުޞަތު ދޭން މި ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި ވަރަށް އަވަސް މުސްތަޤުބަލެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން އެކަމަށް ހުޅުވާލާނެކަމަށް އަމީން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަތް މަހުގެ ތެރޭގައި ޑޮމެއިން ނަމްބަރުތަކުގެ މައްސަލަ އެއްކޮށް ހައްލުކުރާނެކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ވެހިކަލް ރެޖިސްޓްރޭޝަން ކަންކަމުގައިވެސް ހުރި ގޯސްތައް ބަލައި އެކަންކަން އިސްލާޙުކުރުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން ވެހިކަލް ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްގެންދާ ކަމަށެވެ. އަދި އެ މިނިސްޓްރީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށް އަމީން ވިދާޅުވިއެވެ.



