ރާއްޖޭގެ ޤާނޫނު މުގުރަން ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ފުރުސަތު ނުދެއްވާނެ ކަމަށް ނައިބު ރައީސް، ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެންވިދާޅުވީ އިއްޔެ ށ. މާއުނގޫދޫގައި ބޭއްވުނު އަތޮޅު ފެންވަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒުގެ ޤައުމީ އެޖެންޑާގެ އެންމެ މުހިންމު އެއް އަމަމާޒަކީ ޑްރަގުގެ ވަބާއިން ޤައުމު ސަލާމަތްކުރުމާއި ރާއްޖޭގެ ޤާނޫނު މުގުރާލުމަށް އެއްވެސް ފުރުސަތެއް ނުދިނުމެވެ. މީގެ އިތުރުން، ރާއްޖޭގައި އަމާންކަމާއި މަސްލަޙަތު ޤާއިމުކުރުމާއި، ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ސިނާޢަތްތައް ތަޢާރަފުކުރުން ވެސް ހިމެނެއެވެ.
"ރައީސް ސާބިތުކޮށްދެއްވަމުން އެ ގެންދަވަނީ އެމަނިކުފާނު އަބަދުވެސް ދަމަހައްޓަވާނީ ދިވެހިންނަށް އެންމެ އިސްކަންދެއްވާ ޕްރޯމޯލްޑިވްސް ސިޔާސަތުކަން," ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރައީސް މުޢިއްޒު ރާއްޖޭގެ ކުރިއެރުމަށް އެހީވާ ހުރިހާ ޤައުމަކާއެކު ގުޅުން ބަދަހިކުރައްވަމުން ގެންދަވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ދިވެހިންގެ މިނިވަންކަން ކަށަވަރުކުރެއްވުމަށްޓަކައި ރައީސް ކުރައްވަމުން އަންނަ މަސައްކަތުގެ ތެރެއިން އެތައް ބިދޭސީންތަކެއް ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލާފައިވެއެވެ. އަދި ރައީސް ޤައުމަށްޓަކައި ކުރައްވާ މަސައްކަތް އެންމެ ކައިރިން ފެނިވަޑައިގަންނަވާނީ އެމަނިކުފާނަށް ކަމަށް ވެސް ވިދާޅުވިއެވެ.
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު ދެއްވި ތަޤުރީރަކީ ރާއްޖޭގެ ހުރިހާ ތަޢުލީމީ މަރުކަޒުތަކެއްގައި ދަރިވަރުންނަށް އިއްވައި، ފަހުމުކޮށްދީ، އޭގެ މައްޗަށް ދިރާސާތައް ހަދައި، އިބުރަތް ލިބިގަންނަންޖެހޭ އަގުހުރި ވާހަކަފުޅުތަކެއް ކަމަށެވެ.



