މި ޤައުމުގެ މުސްތަޤްބަލަށްޓަކައި ދަރީންނަށް ޤައުމިއްޔަތު އުގަންނައިދީ އަހުލުވެރި ކުރުވުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ޖެހޭކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫ ސުކޫލް ހޯލުގައި މިއަދު ބޭއްވުނު ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހި ދަރިންނަށް ދިވެއްސަކަށް ވީތީ ފަޚުރުވެރިވާން ދަސްކޮށްދޭން ޖެހޭކަމަށެވެ.
"ދިވެހިބަހުން ރީތިކޮށް ވާހަކަދައްކައި ލިޔެކިޔުމަކީ ކިހާ އުފާވެރި ފަޚުރުވެރިކަމެއްކަން އަޅުގަނޑުމެން ދަރިންނަށް ވިސްނައިދޭން ޖެހޭ," ނައިބު ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުހާތަބުކުރައުރައްވައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުން އިބުރަތް ހާސިލްކޮށް އެގޮތުގައި ކުރިއަށްދިއުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ނައިބު ރައީސް ވަނީ، މި ސަރުކާރުން ޚާއްޞަކޮށް ރައީސް ގެންގުޅުއްވާ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ދެމެހެއްޓެވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޤައުމީ އެޖެންޑާގެ އަމާޒަކީ، ޑްރަގްގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުމާއި، ގޭންގް ކުށްތަކާ ޤާނޫނު މުގުރުމަށް އެއްވެސް ފުރުޞަތެއް ނުދެއްވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ނައިބު ރައީސް ވަނީ ބޮޑުތަކުރުފާނު ޤައުމަށްޓަކައި ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތައްވެސް ފާހަގަކުރައްވާފައެވެ. "ބޮޑުތަކުރުފާނުގެ މުޅި އުމުރުފުޅު ހޭދަކުރެއްވީ ޤައުމީ ޚިދުމަތުގައި. ޖިހާދުކުރެއްވުމުގައި. ދިވެހީންގެ އަމިއްލަވަންތަކަން ކަށަވަރުކުރެއްވުމުގައި," ނައިބު ރައީސް ވިދާޅުވިއެވެ.
ޤައުމީ ދުވަހާ ގުޅިގެން ބޭއްވުނު މި ޖަލްސާގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ށ. އަތޮޅުގެ ރަށްރަށުގެ ކައުންސިލަރުންނާއި، އެކި ދާއިރާތަކުގެ އިސް ފަރާތްތައް ބައިވެރިވެ ވަޑައިގެންނެވިއެވެ.



