އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާގޮތަށް ދާއިމީ އައިޑީކާޑެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރިކައާއި ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ޑީއެންއާރާއި ހަވާލުވެ ހުންނެވި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޔޫސުފް އަބްދުލްޣަފޫރު ވިދާޅުވީ އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާގޮތަށް ހަދަން ނިންމީ، އެ ފަރާތްތަކުގެ އައިޑީކާޑު މުއްދަތު ހަމަވުމުން އާ ކުރުމަށް ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާތައް ލިބެމުން އަންނާތީ ކަމަށެވެ.
އަބްދުލްޣަފޫރު ވިދާޅުވީ އެކަން ކުރުމަށްޓަކައި ފަންނީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަރުދާހެއް ތައްޔާރުކޮށް ކެބިނެޓަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެކަމުގައި ގޮތް ނިންމާނީ ކެބިނެޓުން ކަމަށް އަބްދުލްޣަފޫރު ވިދާޅުވިއެވެ.
އައިޑީކާޑާއި ޕާސްޕޯޓު ބޭނުންކުރެވޭނެ މުއްދަތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫންކަމަށްބުނެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.
10 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންގެ އައިޑީކާޑުގެ މުއްދަތަކީ 5 އަހަރެވެ. އަދި އޭގެ މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތަކީ 10 އަހަރެވެ.



