ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިޝާން ކައްތަރުގެ ފުރަތަމަ ހޮލީވުޑް ސީރީޒް "ދަ ޕާފެކްޓް ކަޕުލް" ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފަށައިފިއެވެ. މި ހަ އެޕިސޯޑުގެ ސީރީޒް ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ސީރީޒްގައި އިޝާން ކައްތަރާއެކު ހޮލީވުޑްގެ ވަރަށް ކުޅަދާނަ އެކްޓަރުންގެ ކާސްޓެއް ހިމެނެއެވެ. އޭގެ ތެރޭގައި ނިކޯލް ކިޑްމަން، އީވް ހެއުސަން، މެގަން ފަހީ، ޑަކޯޓާ ފަނިންގް، ޖެކް ރެއިނާ އަދި މައިކަލް ބީޗް ފަދަ ހޮލީވުޑްގެ މަޝްހޫރު ތަރިން ހިމެނެއެވެ. އިޝާން މި ސީރީޒްގައި ކުޅެނީ ސަޕޯޓިންގ ރޯލެކެވެ.
"ދަ ޕާފެކްޓް ކަޕުލް" ދައްކަނީ ވަރަށް ލޯބިން އުޅޭ ކަޕަލްއެއްގެ ކައިވެންޏަށް ތައްޔާރުވަމުންދަނިކޮށް، އެ ކައިވެނީގެ ހަފްލާ ބާއްވާ ވެނިއުގައި މަރާލާފައި އޮތް މީހަކު ފެނިގެން، އެ މަރުގެ ހަގީގަތް ހޯދުމަށް ފުލުހުން ކުރާ މަސައްކަތުގެ ވާހަކައެވެ.
މި ސީރީޒްގައި ކުރި މަސައްކަތާ ގުޅޭގޮތުން މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި އިޝާން ބުނެފައިވަނީ ކާސްޓުންގެ މެދުގައި ވަރަށް އެކުވެރި މާހައުލެއް އޮތުމުން އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަވި ކަމަށެވެ. އަދި ބޮލީވުޑްގައި ކުރާ މަސައްކަތާ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.
މި ސީރީޒްއަކީ އިޝާން ކައްތަރުގެ ފުރަތަމަ ހޮލީވުޑް ޕްރޮޖެކްޓް ކަމަށްވުމާއެކު، ގިނަ ބަޔަކު މިހާރު ވަނީ މި ސީރީޒްއަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައެވެ. ނެޓްފްލިކްސްގެ ގްލޯބަލް ޕްލެޓްފޯމްގައި މި ސީރީޒް ސްޓްރީމްކުރަން ފެށުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިޝާންގެ ފޭންސްއަށް މި ސީރީޒް ފަސޭހައިން ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.



