ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ވަކިކުރެއްވި މުހައްމަދު ފަހުމީ ހަސަން އަށް އަލުން ވަޒީފާ ދީފި އެވެ.
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވީ، ފަހުމީ މި ފަހަރު އައްޔަންކުރެއްވީ ހަމަ އެ މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން ވެސް ކުރެއްވި ފަހުމީ، ފޮރިން މިނިސްޓްރީ އަށް ފުރަތަމަ އައްޔަންކުރެއްވީ މިދިޔަ ނޮވެމްބަރު 20 ވަނަ ދުވަހެވެ.
ނަމަވެސް، ސިވިލް ސާވިސް ކޮމިޝަންގެ ރައީސަކަށް ހުންނަވަނިކޮށް އެ ތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރެވިފައި ވަނިކޮށް، އަނެއްކާ ވެސް މި ސަރުކާރުން ފަހުމީއަށް ބޮޑު މަގާމެއް ދެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އެއާއެކު، ފޮރިންގެ ސްޓޭޓަކަށް ހަމަޖެއްސެވިތާ ހަތަރު ވަނައަށްވީ ދުވަހު މަގާމުން ވަކިކުރެއްވި އެވެ،
ޖިންސީ ގޯނާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން 2013 ވަނަ އަހަރު އެ ކޯޓުން ނިންމީ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ހުރިހާ އިޖުރާތެއް ބާތިލް ކަމަށެވެ. އެހެންވެ، ގެއްލުމުގެ ބަދަލު ހޯދަން ފަހުމީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައި ދައުލަތުން ބަދަލު ހޯއްދެވި އެވެ.
މިނިސްޓަރުންގެ ފެންވަރުގައި ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރަކަށް ހުންނެވި އަހުމަދު ނަސީރު ވެސް ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް މި ފަހުން ބަދަލުކުރައްވައިފަ އެވެ.



