ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުގެ ބައްޕަ، އަބްދުއްސަލާމް އަލީ އަވަހާރަވެއްޖެއެވެ. މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ފޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު މި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާ ކަމަށާއި، މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މަރުހޫމް އަބްދުއްސަލާމް އަލީއަކީ ހއ. ހޯރަފުށީގައި ދިގު މުއްދަތަކަށް އިމާމުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ރައްޔިތުންގެ އިހްތިރާމް ލިބިވަޑައިގެންފައިވާ ދީންވެރި އަދި ހުލްގު ހެޔޮ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ގިނަ ބަޔަކު މި ހިތާމަވެރި ޚަބަރާ ގުޅިގެން އިޖްތިމާޢީ ވިއުގަތަކުގައި ތައުޒިޔާ ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.



