
އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ރެއިޑެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ 5 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިމިގްރޭޝަންގެ ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި ރެއިޑަކީ ޓާސްކު ފޯސްއަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި ކުރިއަށް ގެންދިޔަ ރެއިޑެކެވެ. މި ރެއިޑުގައި ހައްޔަރުކުރެވުނު 5 ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެއް ވެސް ވަނީ ފެނިފައެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ މި މައްސަލައާ ގުޅިގެން މިހާރު އިތުރަށް ތަޙުޤީޤު ކުރެވެމުންދާ ކަމަށާއި، އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެ ކަމަށެވެ.
މިފަހުން ވެސް އިމިގްރޭޝަނުންވަނީ ކަޅު ބާޒާރުގައި ގަވާއިދާ ޚިލާފަށް ޑޮލަރު ވިއްކަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލާފައެވެ. އަދި ރާއްޖޭން ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުން 81000 އަށްވުރެ ގިނަ ޑޮލަރާއެކު ބިދޭސީއަކު މިދިޔަ މަހުވަނީ ހައްޔަރުކޮށްފައެވެ.



