މަތީ ތައުލީމަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް އެދޭ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ވެސް ލޯނު ދޭން ސަރުކާރުން ނިންމައިފި އެވެ.
ރޭ ޕީއެސްއެމް ސްޓޫޑިއޯގައި ބޭއްވި ވަޒީރުންގެ 'އަހާ' ފޯރަމްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ އެ ލޯނުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދިނުން ކަމަށެވެ.

މި ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމަށް ފުރަތަމަ ދިން ސުންގަޑިއަކީ 25 އޭޕްރީލް އެވެ. ނަމަވެސް ފަހުން އެ މުއްދަތު 2 މެއިގެ މެންދުރު 1:30އާ ހަމައަށް ވަނީ އިތުރުކޮށްދީފަ އެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ މި ބުރުގައި ސްޓޫޑަންޓް ލޯނަށް އެދޭ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ވެސް ލޯނު ދިނުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
މި ސަރުކާރުން ސްަޓޫޑަންޓް ލޯނުގެ ގޮތުގައި ޑިޕްލޮމާއިން ފެށިގެން ޕީއެޗުޑީ ފެންވަރާ ހަމައަށް މަތީ ތައުލީމު ހާސިލު ކުރުމަށް 500 ޖާގައަށް ވަނީ ހުޅުވާލާފަ އެވެ. ލޯނު ދިނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިސްކަން ދޭނެ ކަމަށް ވެސް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.



