ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ (ސީޖޭއޭ) އައިޝަތު ރިޒްނާ އާގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާއެއްގެ މައްސަލަ ތަޙުޤީޤު ކުރަމުންދަނިކޮށް، އޭނާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާއާއި ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ފަނޑިޔާރުންގެ ޞިއްޙީ އިންޝުއަރެންސްއާ ގުޅުންހުރި މައްސަލަތަކާއި، މުވައްޒަފުން ވަޒީފާއަށް ނެގުމުގެ އިޖުރާއާތުތަކުގައި ފާހަގަކުރެވިފައިވާ ޣައިރު އަޚްލާޤީ ޢަމަލުތަކާ ގުޅޭ މައްސަލަތައް ހިމެނެއެވެ.
ރިޒްނާ މި މަޤާމަށް ޢައްޔަންކުރެވުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އޭގެ ކުރިން މި މަޤާމު ފުރުއްވާފައިވަނީ ޑރ. ޢަބްދުﷲ ނަޒީރެވެ. ޖޭއެސްސީގެ ޤާނޫނަށް ގެނެވުނު އިޞްލާޙާ ގުޅިގެން އައު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނެއް އެކުލަވާލަން ޖެހުނެވެ.
ޑީޖޭއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މީހުން ޢައްޔަންކުރުމާއި ވަކިކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ޖޭއެސްސީ އަށެވެ. މި މަޤާމުގެ ދައުރަކީ 5 އަހަރު ދުވަހެވެ. އަދި މަހު މުސާރައިގެ ގޮތުގައި ދެވެނީ 47,500 ރުފިޔާއެވެ.



