ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ބޭއްވި 'އަހާ' ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ޖުމްލަ އަދަދު އޮތީ ނޭނގުމެއްގެ ތެރޭގައި ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޖުމްލަ ހައްލެއް ހޯދުމުގައި ކުރާ ފުރަތަމަ މަސައްކަތަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައި، ވޯކް ޕާޓިމް ރިކޯޑުތަކާ ދިމާކުރުމެވެ.

އަންނަ ބުރާސްފަތި ދުވަހު ކ. ހިންމަފުށިން ފަށާ އެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުންނާއި ކައުންސިލްތަކާ ގުޅިގެން އެ މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި، އެއް ފަހަރާ ފެށުމަށް ވެސް ވަނީ ރާވާފަ އެވެ.
"ހާއްސަކޮށް އަންސްކިލްޑް ލޭބާ މިކިޔާ ކެޓަރީގައި ތިބި ހުރިހާ ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގާފައި އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި ހުރި ވޯކް ޕާމިޓް ރިކޯޑްތަކާއި އެ މީހުންނާ ދިމާކުރަނީ. މީގެތެރެއިން ބައެއް މީހުންނަކީ މީގެ ރެކޯޑްތަކުގައި ވެސް ނެތް މީހުން،" މިނިސްޓަރު ވިދާޅުވި އެވެ.
އެ މަސައްކަތް ކުރާނެ ގޮތުގެ އިތުރު ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ:
- ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާނެ
- އެ ފުރުސަތުގެ ބޭނުން ނުހިފާ ބިދޭސީން ޑީޕޯޓު ކުރާނެ
- ކާކުކަން އެނގޭފަދަ ލިޔުމެއް ނެތް ބިދޭސީން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނާނެ؛ އެމްބަސީތަކާ ގުޅިގެން މި މީހުންނަކީ ކޮން ބައެއްކަން ދެނެގަތުމަށްފަހު ޓްރެވަލް ޑޮކިއުމަންޓެއް ހަދައި، ޑީޕޯޓު ކުރާނެ
"ސީދާ ޖަވަބާކީ ތިން އަހަރުގެ ތެރޭގައި އަޅުގަނޑުމެން [ބިދޭސީންގެ މައްސަލައަށް] ހަައްލު ގެންނާނަން. އަމަލީ މަސައްކަތް ފަށާނަން 2 މެއިގައި،" މިނިސްޓަރު ވިދާޅުވި އެވެ.



