ދިވެހިރާއްޖޭގައި މިޔަރު ގިނަވެ އެކަމުގެ ޝަކުވާ ލިބެމުންދާތީ، މިޔަރު ބޭނުން ހުއްދަކުރުމާއި ގުޅޭގޮތުން ދިރާސާއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިރޭ ޕީއެސްއެމް ސްޓޫޑިއޯގައި ކުރިޔަށްދިޔަ އަހާ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ރަށްރަށަށް ދަތުރުކޮށް މީހުންނާއި ބައްދަލުވާއިރު މިިޔަރު ގިނަވެގެން އެކަމުގެ ނޭދެވޭ އަސަރު މަސްވެރިންނަށް ކުރާ ކަމުގެ ޝަކުވާ ވަރަށް ގިނައިން އެމަނިކުފާނަށް ލިބޭކަމަށެވެ.
އެހެންނަމަވެސް މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް އާމްދަނީ ލިބެނީ ކަނޑުގެ ދިރުންތަކާއި ރީތިކަންވެސް ވިއްކައިގެން ކަމަށްވާތީ، މިޔަރު ބޭނުން ހުއްދަކުރާނީތޯ ނުވަތަ ނޫންތޯ ނިންމޭނީ ވަށައިގެންވާ ކަންތައްތަކަށް ބަލައި ދިރާސާއެއް ކުރުމަށްފަހުގައެވެ.
ދިވެހިރާއްޖޭގެ ކަނޑުފަޅުގައި ގިނަ ޢަދަދަކަށް މިޔަރު އުޅޭއިރު ފާހަގަކޮށްލެވޭ އެއްކަމަކީ މިޔަރުތަކާއެކު ފޮޓޯ ނެގުމުގެ ބޭނުމުގައިވެސް ރާއްޖެއަށް ފަތުރުވެރިން އަންނަކަމެވެ.
ސަރުކާރުން 2010ގައި މިޔަރު ބޭނުން މަނާކޮށް، ޖެހިގެން އައި އަހަރު އޭގެ ވިޔަފާރިވެސް މަނާ ކުރި އެންމެ ބޮޑު އެއް ސަބަބަކީ މިޔަރުތައް ދިރިހުއްޓާ ލިބޭ ފައިދާ މާ ބޮޑުވުމެވެ.
ފިޝަރީޒް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި 1992 ވަނަ އަހަރު މިޔަރު ބަލަން ޑައިވިންއަށް ރާއްޖެ އައި ޓޫރިސްޓުންގެ ފަރާތުން އިގުތިސާދަށް 2.3 މިލިއަން ޑޮލަރު ވަން އިރު ހަމަ އެ އަހަރު، މިޔަރު މަހާއި އުރަހަ ފަދަ އުފެއްދުންތައް އެކްސްޕޯޓުކޮށްގެން ރާއްޖެއަަަށް ވަނީ ގާތްގަނޑަކަށް 0.7 މިލިއަން ޑޮލަރެވެ. އެ އަހަރަކީ މިޔަރު އުރަހައާއި މަސް ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓު ކުރި އެއް އަަހަރު ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.



