ކުރިއަށް އޮތް ތިން ދުވަހު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ބުނެފިއެވެ.
ހަމައެއާއެކު، ދެކުނު ސަރަޙައްދުގެ މޫސުން ނިސްބަތުން ރަނގަޅު ވާނެ ކަމަށާ ނަމަވެސް، އުތުރު ސަރަޙައްދުތަކަށް ކުރިޔަށް އޮތް 72 ގަޑިއިރު ކުރާ ވިއްސާރައަކީ ބޯކޮށް ވާރޭވެހޭ ފަދަ ވިއްސާރައެއް ނޫން ކަމަށް މެޓުން ލަފާ ކުރެއެވެ.
މެޓުން ބުނީ ރާއްޖޭގެ ދެކުނުގެ ބައެއް ހިސާބުތަކަށް މިއަދު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި އަދި އެހެން ހިސާބުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3-13 ނޯޓިކަލް މޭލުގެ ވެގަތުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކޮއްފައިވެއެވެ. އަދި ވިއްސާރަ ކުރާ ދަނޑިވަޅުތަކުގައި ވައިގެ ބާރުމިން ގަޑިއަކު 30 ނޯޓިކަލް މޭލަށް އިތުރުވުމުގެ ފުރުޞަތު އޮތް ކަމަށްވެސް އެ އިދާރާއިންލަފާ ކުރެއެވެ.
ޢާންމު ގޮތެއްގައި ކަނޑުގެ އޮއިވަރު މަޑުކަމަށް ލަފާކުރެވުނު ނަމަވެސް، ވިއްސާރައިގެ ވަގުތުތަކުގައި ކަނޑު ގަދަވެދާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.



