މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި 21 އަހަރުގެ ޒުވާނެއްގެ ހާލަތު ގޯސްވެ، މިހާރު ވަނީ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށާފައެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 12:53 ހާއިރު، ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައެވެ. އެކްސިޑެންޓް ހިނގާފައިވަނީ ޓެކްސީއެއް ކޮއިމަލާ ހިނގުމަށް ލަނބާލި ވަގުތު ބޮޑުތަކުރުފާނު މަގުން އައި ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.
އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާއަށް ފަރުވާދެމުން ގެންދަނީ އައިޖީއެމްއެޗްގައެވެ. އައިޖީއެމްއެޗްގެ އޮފިޝަލަކު މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ޒުވާނާގެ ހާލަތު ގޯސްވުމާ ގުޅިގެން މިހާރު ވަނީ ވެންޓިލޭޓަރުގައި ބާއްވާފައެވެ.
ފުލުހުން ވަނީ މި މައްސަލައިގެ ތަޙްޤީޤު ފަށާފައެވެ. މި އެކްސިޑެންޓާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.



