ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ރާއްޖެއަށް މިހާތަނަށް ހަ ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް މަހުގެ ހަ ވަނަ ދުވަހާއި ހަމައަށް 637،773 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެންމެ ގިނައީ ޗައިނާ ފަތުރުވެރިންނެވެ. ޗައިނާއިން އެކަނި 70،394 ފަތުރުވެރިން އައިސްފައިވެއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 560،995 ފަތުރުވެރިން ކަމަށް ތަފާސްހިސާބު ތަކުން ދައްކައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ފުރަތަމަ ހަ ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށް ވެފައެވެ. އެގޮތުން މި މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް 33،769 ފަތުރުވެރިން ރާއްޖެ އައި ކަމަށް ދައްކާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 37،067 ފަތުރުވެރިންނެވެ. މިއީ %8ގެ ދަށްވުމެކެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން ވަނީ 64،896 ފަތުރުވެރިން މިހާތަނަށް ރާއްޖެއަށް އައިސްފައިވެއެވެ. ތިން ވަނައިގައި އޮތް އިނގެރޭސި ވިލާތުން ރާއްޖެއަށް 64،037 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި ލިސްޓުގެ ހަތަރުވަނައިގައި އޮތް އިޓަލީއިން ރާއްޖެއަށް އައިސްފައިވަނީ 59،763 ފަތުރުވެރިންނެވެ.
އަހަރު ފެށިގެންދިޔައިރު ލިސްޓުގެ ތިން ވަނައިގައި އޮތް އިންޑިއާ މިވަނީ 36،306 ފަތުރުވެރިނަށް ބަދަލުވެ ލިސްޓުގެ ހަވަނައަށް ވެއްޓިފައެވެ. އިންޑިއާއިން ރާއްޖެ ބޮއިކޮޓް ކުރަން ގޮވާފައިވާއިރު، ކުރިޔާ އަޅާ ބަލާއިރު އިންޑިއާގެ ފަތުރުވެރިން އަންނަނީ މަގުވަމުންނެވެ.



