ޤައުމީ ދުވަހުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "ދިވެހި ޤައުމިއްޔަތުގެ އިސްވަރު" ނަމުގައި އައު ކޮލެޖެއް މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ކޮލެޖުގައި ދިވެހިބަސް، ތާރީޚު، ސުމޭކު، ތަރިކަ އަދި ފަންނު ހިމެނޭ 5 މައިގަނޑު ދާއިރާ ހިމެނެއެވެ.
ކޮލެޖުގެ ކޮންމެ ދާއިރާއަކަށް ޑީނެއް ނުވަތަ އިސްވާރެއް އައްޔަންކުރެވުނެވެ. މިގޮތުން ދިވެހިބަހުގެ އިސްވާރަކަށް މަރްޔަމް ތައުފީޤާ، ތާރީޚުގެ އިސްވާރަކަށް އަޙްމަދު ޝާކިރު، ތަރިކައިގެ އިސްވާރަކަށް ޙަސަން ޒަރީރު، ސުމޭކުގެ އިސްވާރަކަށް މުޙައްމަދު ޢަބްދުލްޤާދިރު އަދި ފަންނުގެ އިސްވާރަކަށް މަރްޔަމް ޢިޝާ ޢަޒީޒް ހަމަޖެއްސެވިއެވެ.
ރަސްމިއްޔާތުގައި ކޮލެޖުގެ ކައުންސިލް އުފައްދައި، މެންބަރުންނަށް އިސްވާރުކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވިއެވެ. ޤައުމިއްޔަތުގެ ކޮލެޖުގައި ފުރަތަމަ މާއްދާއަކީ ދިވެހި ތާރީޚެވެ. މި ކޮލެޖުގައި ތާރީޚު ކިޔަވައިދޭނީ އެހެން ކޮލެޖުތަކާ ތަފާތުކޮށް، ދިވެހިންގެ އަސްލުތަކާ ގުޅޭގޮތަށެވެ.
ރައީސް މުޢިއްޒުގެ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢުގެ ދަށުން މި ކޮލެޖާއި ދިރާސާކުރާ މަރުކަޒެއް އުފެއްދުމާއި، ޤައުމީ ޗާޕުޚާނާ އަލުން އިޢާދަކުރުމާއި، ދިވެހިބަހަށް ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމްތައް ޤައުމީ ފެންވަރުގައި ފެށުން ހިމެނެއެވެ.



