ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ގެނައި ޑްރޯންތައް ގަތުމަށްވީ އެއްބަސްވުމާއި ޑްރޯންތަކުގެ ތަފްސީލު ދިނުމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ހާޒިރުކުރި 241 ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
މި ބައްދަލުވުން ސިއްރުކޮށްގެން މިއަދު ބާއްވާފައިވާއިރު އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން ޑްރޯންތައް ގަތުމުގައި ބޮޑެތި ކޮރަޕްޝަން ހިންގާފައިވާކަމަށް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ. އަދި މިއީ ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން ކުރާ ކަންކަމަށްވާއިރު، އެކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކުރުމަށް އެމްޑީޕީން ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ގޮވާލާފައެވެ.
މިކަމާ ގުޅޭ ގޮތުން އާއްމު ރައްޔިތުންގެ ސުވާލުތައްވެސް ސަރުކާރަށް އަމާޒުވެފައިވާއިރު ޣައްސާން ވިދާޅުވެފައިވަނީ މަޢުލޫމާތުތައް ހާމަކުރެވޭނީ ކޮމިޓީ ބައްދަލުވުމެއްގައި ކަމަށެވެ.
ތުރުކީގެ ސަރުކާރުގެ އެހީތެރިކަމާއެކު، މިހާތަނަށް އަސްކަރީ ތިން ޑްރޯން ރާއްޖެއަށް ދީފައިވާއިރު އެ ޑްރޯންތައް ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މާޗް 15 ވަނަ ދުވަހުގެ ރޭ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯންއެވެ. އޭގެ އިތުރު ޑްރޯންތައް ގެންނަން ވަނީ ނިންމާފައެވެ. އެ ތަކެތި ރާއްޖޭގައި އޮޕަރޭޓް ކުރުމަށްޓަކައި ދިވެހި ސިފައިންގެ ޓީމެއް ތުރުކީއަށް ފޮނުވައިގެން ވަނީ ތަމްރީނުކޮށްފައެވެ.
އެމެރިކާއިން މިލިޓަރީ އާލަތްތައް ތުރުކީއަށް ފޯރުކޮށްދިނުން ހުއްޓާލުމާ ގުޅިގެން، ތުރުކީގެ ޑްރޯން ކުންފުނި، ބައިކާރު އިން އުފެއްދި ޑްރޯންތަކުގެ ތެރޭގައި "ބައިރަކްތާރު ޓީބީ2" ޑްރޯންގެ އުދުހުންތައް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.
އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތަކާ އެކު އުފައްދާފައިވާ މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ.
ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެއެވެ. މި ޑްރޯންއަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯންއެކެވެ.



