މިނިސްޓްރީތަކުން ކުރާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށާއި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ ވަޒީރުންގެ ޕަބްލިކް ފޯރަމް 'އަހާ'ގެ ދެ ވަނަ ފޯރަމް މިރޭ އޮންނާނެ އެވެ.
ކޮންމެ ދެ މަހުން އެއް މަހު ބާއްވާ މި ފޯރަމަކީ ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ. މިރޭގެ ފޯރަމް ފަށާނީ މިރޭ 8:30 ގައެވެ.
މިރޭގެ ފޯރަމްގައި 5 މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ:
- ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
- ހޯމް މިނިސްޓަރު އަލީ އިހުސާން
- ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
- ޔޫތު މިިނިސްޓަރު އިބްރާހިމް ވަހީދު

މި ފޯރަމްގައި ސުވާލުކުރުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފަ އެވެ. ސުވާލު ކުރެވޭނެ ގޮތްތަކަކީ:
- ފޯރަމްގައި ބައިވެރިވެގެން
- ފޯނުން ގުޅައިގެން
- އެމްއެމްއެސް މެދުވެރިކޮށް (AH ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލާފައި ކުރަން ބޭނުންވާ ސުވާލު، 300އަށް)
- ސޯޝަލް މީޑިއާ މެދުވެރިކޮށް
ވަޒީރުންގެ ފޯރަމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ފޯރަމެއް ވެސް ކޮންމެ ތިން މަހުން އެއް މަހު ސަރުކާރުން އަންނަނީ ބާއްވަވަމުންނެވެ.



