ދިރިއުޅުމުގެ ކަންކަމާ ހުރެ ކުރިމަތިވާ ސްޓްރެސް އާއި ހާސްކަން، ދުވާލަކު މަދު މިނެޓުކޮޅެއްގެ ތެރޭގައި ކޮންޓްރޯލް ކޮށްލެވޭނެ ނޭވާލުމުގެ ހާއްސަ އުކުޅުތަކެއް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި، ވަކި ތަރުތީބަކުން ނޭވާލުމަކީ ހަށިގަނޑާއި ސިކުނޑި ވަގުތުން ހަމައަކަށް އަޅުވައިދޭ ކަމެކެވެ.
ނޭވާލުމަކީ އިންސާނާގެ ހަށިގަނޑު އަމިއްލައަށް ކުރުވާ ކަމެއް ނަމަވެސް، އެކަން އެންމެ އެދެވިގެންވާ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަށިގަނޑަށް ކުޑަ އެހީތެރިކަމެއް ބޭނުންވާކަން ދިރާސާތަކުން ވަނީ ސާބިތުވެފައެވެ.
އޮސްޓްރޭލިއާގެ ގްރިފިތު ޔުނިވަރސިޓީގެ ރިސާޗަރެއް ކަމަށްވާ އެބީ ލިޓްލް ބުނާ ގޮތުގައި، މިއީ ޒަމާނީ ދުނިޔޭގައި ސްޓްރެސް ކުޑަކުރުމަށް އަލުން ތަރައްގީވަމުން އަންނަ މުހިންމު ހުނަރެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ދުވާލަކު މަދު މިނެޓުކޮޅަކަށް ނަމަވެސް މިފަދަ ތަމްރީނެއް ހެދުމުން ސްޓްރެސް ހޯމޯންތައް ދަށްވެ، ދިގުމުއްދަތަކަށް ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ދުޅަހެޔޮކަން ރަނގަޅުވެގެންދެއެވެ. ނަމަވެސް، މާބަނޑު މީހުންނާއި ނޭވާހިއްލުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކުން މިފަދަ ކަންކަން ކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހެއެވެ.
ސްޓެންފޯޑް ޔުނިވަރސިޓީގެ ޕްރޮފެސަރ ޑޭވިޑް ސްޕީގަލް ބުނި ގޮތުގައި، ގިނަ މީހުންނަށް ނޭވާލެވެނީ ވަރަށް އަވަސްއަވަހަށެވެ. އަދި އަނގައިން ނޭވާލުމަކީ ހަށިގަނޑު ނުތަނަވަސްކޮށްދޭ "ސިމްޕަތެޓިކް ނާވަސް ސިސްޓަމް" ހަރަކާތްތެރިކުރުވާ ކަމެކެވެ. އޭގެ ބަދަލުގައި، ނޭފަތުން ފުންކޮށް، މަޑުމަޑުން ނޭވާލުމުން ހަށިގަނޑު ހަމައަކަށް އަޅުވައިދޭ "ޕެރަސިމްޕަތެޓިކް ސިސްޓަމް" މަސައްކަތް ފަށައެވެ.
ސައިންސްވެރިން ފާހަގަކުރާ، ސްޓްރެސް ދަށްކޮށްދޭ މައިގަނޑު 5 އުކުޅަކީ:
ސައިކްލިކް ސައިއިންގް: މިއީ ނޭފަތުން ފުރަތަމަ ފުން ނޭވާއެއް އެތެރެއަށް ލުމަށްފަހު، ވަގުތުން ދެވަނަ ކުރު ނޭވާއެއް އެތެރެއަށް ލައި ފުއްޕާމޭ ފުރާލުމެވެ. އެއަށްފަހު އަނގައިން މަޑުމަޑުން މުޅި ނޭވާ ބޭރުކޮށްލުމެވެ. ދުވާލަކު 5 މިނެޓު މިގޮތަށް ހެދުމުން ހާސްކަން ވަގުތުން ކުޑަކޮށްދެއެވެ.
ބޮކްސް ބްރީތިންގް: މިއީ އެމެރިކާގެ ނޭވީ ސީލްސްގެ ސިފައިން ވެސް ބޭނުންކުރާ އުކުޅެކެވެ. މީގައި 4 ސިކުންތަށް ނޭވާ އެތެރެއަށް ލައި، 4 ސިކުންތު ހިފަހައްޓައި، 4 ސިކުންތުން ނޭވާ ބޭރުކޮށް، އަދި އަނެއްކާވެސް 4 ސިކުންތު ނޭވާ ނުލައި މަޑުކުރަނީއެވެ. މިއީ ސަމާލުކަން އިތުރުކޮށްދީ ޖެހިލުންވުން ކުޑަކޮށްދޭ ގޮތެކެވެ.
4-7-8 ބްރީތިންގް: މި އުކުޅުގައި 4 ސިކުންތަށް ނޭވާ އެތެރެއަށް ލުމަށްފަހު، 7 ސިކުންތު ނޭވާ ހިފަހައްޓައި، ދެން 8 ސިކުންތު ވަންދެން މަޑުމަޑުން ނޭވާ ބޭރުކުރާނީއެވެ. މިއީ ސިއްޙީ ފަރުވާތަކުގައި ބިރުގަތުމާއި ހާސްކަން ކުޑަކުރަން ވެސް ބޭނުންކުރާ އުކުޅެކެވެ.
ކޮހީރެންޓް ބްރީތިންގް: މި އުކުޅުގައި ނޭވާ ހިފެހެއްޓުމެއް ނެތި، 5 ސިކުންތުން ނޭވާ އެތެރެއަށް ލައި، އަދި 5 ސިކުންތުން ނޭވާ ބޭރުކުރަނީއެވެ. މިއީ ހިތުގެ ވިންދާއި ލޭގެ ދައުރުވުން އެއް ހަމައެއްގައި ބަހައްޓައިދީ، ސްޓްރެސް ދަށްކޮށްދޭ ގޮތެކެވެ.
އޭ52 މެތަޑް: ކޮހީރެންޓް ބްރީތިންގް އާ އެއްގޮތަށް 5 ސިކުންތުން ނޭވާ އެތެރެއަށް ލައި، 5 ސިކުންތުން ބޭރުކުރުމަށްފަހު، ނޭވާ ބޭރުކޮށް ނިމޭތާ 2 ސިކުންތު މަޑުކޮށްލުމަށްފަހު އަލުން ފަށާނީއެވެ.
މި ދިރާސާތަކުން ދައްކާ ގޮތުގައި، ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން މަދު މިނެޓުކޮޅެއް ހުސްކޮށްލައިގެން ނޭވާލުމުގެ ވައްޓަފާޅިއަށް ގެންނަ ކުޑަ ބަދަލަކުން ވެސް ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ބޮޑު ކުރިއެރުމެއް ގެނެވިދާނެއެވެ.



