ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަސް މެނޭޖިންގ ޑިރެކްޓަރުން ހޯދުމަށް އަލުން އިޢުލާން ކޮށްފިއެވެ. މިއީ ކުރީގެ އިޢުލާނަށް ޝަރުތު ހަމަވާ ފަރާތްތައް ނުލިބުމުން އަލުން ކުރެވުނު އިޢުލާނެކަމަށް އެމްއެމްއޭ އިންވަނީ ބުނެފައިއެވެ.
އެމްއެމްއޭގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން، އެސިސްޓެންޓު ގަވަރުނަރުގެ މަޤާމު މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބަދަލުކުރެވިފައިވާކަން ފާހަގަކުރެވެއެވެ. މިހާރު އިޢުލާންކޮށްފައިވާ މަޤާމުތަކަކީ މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް، ފައިނޭންޝަލް ސްޓެބިލިޓީ، ބޭންކިންގ އޮޕަރޭޝަންސް، ކޯޕޮރޭޓް ސަރވިސަސް، އަދި ފައިނޭންޝަލް ސެކްޓަރ ޑިވަލަޕްމަންޓްގެ މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމުތަކެވެ.
މި މަޤާމުތަކުގެ މުސާރައަކީ 50,000 ރުފިޔާއިން 55,000 ރުފިޔާއާ ދެމެދުގެ އަދަދެކަމަށާއި ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން އެމްއެމްއޭގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމށް އެމްއެމްއޭއިން ވަނީ މައުލޫމާތު ދީފައިއެވެ.
މި މަޤާމުތަކަށް ހޮވޭ ފަރާތްތަކުން އެމްއެމްއޭގެ މުހިންމު ދާއިރާތަކުގައި އިސްކޮށް މަސައްކަތްކުރަންޖެހޭނެއެވެ. އެމްއެމްއޭއިން މި މަޤާމުތަކަށް ޤާބިލު ފަރާތްތަކެއް ހޯދުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.



