ރާއްޖޭގެ އުތުރުގައި ފޯރުކޮށްދޭ މެރިޓައިމް ޚިދުމަތްތަކާ ގުޅޭ ޚާއްޞަ ވެބްސައިޓެއް މިއަދު ލޯންޗުކޮށްފިއެވެ. މި ވެބްސައިޓު ލޯންޗުކޮށްދެއްވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން "އުތުރު މެރިޓައިމް ސާވިސް" ނަމުގައި ލޯންޗުކުރި މި ވެބްސައިޓުން އިންޓަނޭޝަނަލް ފިއުލް ބަންކަރިންގ އަދި އިތުރު މެރިޓައިމް ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ލިބޭނެއެވެ. މީގެ އިތުރުން މި ޚިދުމަތްތަކާ ގުޅޭ އެޖެންޓުންގެ މަޢުލޫމާތުވެސް މި ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މި ވެބްސައިޓު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ ރާއްޖެއަކީ މެރިޓައިމް ދާއިރާއިން އެންމެ ބޮޑު މަންފާ ލިބޭނެ ޤައުމު ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެ ކަވަރުކުރާ ގޮތަށް މެރިޓައިމްގެ ނަފާ ދިވެހިންނަށް ހޯދައިދިނުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
އެމްޕީއެލުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެން ވަށައިޖެހޭ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ސީއީއޯ ވަޖީހް ވިދާޅުވިއެވެ. މި ގޮތުން ހއ. އުލިގަމުގައި ޔޮޓް މެރިނާއެއް ތަރައްޤީކޮށް، ޔޮޓްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރޭވިފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. ރާއްޖޭގައި މެރިޓައިމް ސެކްޓަރ ފުޅާކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެމުންދާއިރު، އުލިގަމަކީ ޒަމާނުއްސުރެ ގިނަ ޔޮޓްފަހަރު ޒިޔާރަތްކުރާ ރަށެއްކަން ފާހަގަކުރެވެއެވެ.



