ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީނަށް ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ނިންމަވާފައެވެ. މި ޝަރަފު އެރުވުނީ ޞަލާޙުއްދީން ދިވެހީންގެ ދީން، ބަސް، ތަރިކަ އަދި ސަގާފަތަށް ކުރެއްވި ޚިދުމަތްތަކަށްޓަކައެވެ.
މި ޝަރަފުގެ ގޮތުގައި ދެވޭނީ ޝަރަފުގެ އައްޑަނައެކެވެ. މި ޝަރަފު ދިނުމަށް ނިންމެވީ ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. މި ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި، މާދަމާ ހެނދުނު 9:00 އަށް ދަރުބާރުގޭގައެވެ. ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެވޭނެއެވެ.ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށް ލިބޭއިރު، އޭގެތެރެއިން އެއް ބޭފުޅަކީ އަލްމަރްޙޫމް މުޙައްމަދު ތައުފީޤެވެ. މުޙައްމަދު ތައުފީޤަށް އިނާމު ދެވެނީ ސިޔަރަތު ގެނެސްދިނުމުގައި ކުރެއްވި ޤައުމީ ޚިދުމަތަށެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ލިބޭނެއެވެ.
ޤައުމީ އިނާމަށް ބޭފުޅުން ހޮވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ އިނާމުގައި ހިމެނެނީ އައްޑަނަ، ބެޖް އަދި ހަނދާނީ ލިޔުމެވެ. ހިތްވަރު ދިނުމުގެ އިނާމުގައި ހިމެނެނީ ހަނދާނީ ފިލައާއި ލިޔުމެވެ.


