މިއަހަރުގެ މިހާތަނަށް ޗައިނާއިން 81000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. އެގޮތުން އިއްޔެގެ ނިޔަލަށް 762,125 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރެއިން 81,914 ފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިންނެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 12.6 ޕަސެންޓު ވަނީ އިތުރުވެފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމުގެ ތެރޭގައި ހިމެނެނީ ޗައިނާ، އިނގިރޭސިވިލާތް، ރަޝިއާ، އިޓަލީވިލާތް އަދި ޖަރުމަނުވިލާތެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6404 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. އަދި އެވްރެޖްކޮށް 7.9 ދުވަސް ހޭދަކުރެއެވެ.
ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 62,232 އެނދުގެ ކެޕޭސިޓީއެއް ވަނީ ކަނޑައަޅައިފައެވެ.



