ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ އަންނަ މެއި މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގަ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ މެއި މަހު ނިމޭނެ ކަމަށާއި މި ދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ މެއި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
މި ދައުރު ނިމުމަކަށް އަންނާތީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ކޮމިޓީގެ މަސައްކަތްތައް ނިންމުމަށްފަހު ކޮމިޓީ ރިޕޯޓުތައް ފޮނުއްވައިދެއްވުމަށްވެސް ކޮމިޓީގެ މެމްބަރުންނާއި މުގައްރިރުން އަދި މެމްބަރުންގެ ކިބައިން އަސްލަމް ވަނީ އެދިވަޑައިގެންފައެވެ.
ޖުމަލް 87 މެމްބަރުންނާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށިއިރު، މި ދައުރުގައި މަޖިލީހުގެ ރައީސްކަން ފުރަތަމަ ކުރެއްވީ މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ. އޭރު މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. ނަމަވެސް އެ ދެބޭފުޅުން މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މަޖިލީހުގެ ރައީސްކަން ކުރައްވަނީ އަސްލަމް އެވެ. އަދި ނައިބު ރައީސަކީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންފައިވާ މެމްބަރުން ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން ވަނީ ހޮވާފައެވެ.



