ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަމާއި ގުޅޭ ގައުމީ އެކްޝަން ޕްލޭން މިއަދު އިފްތިތާހުކޮށްފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
މި ޕްލޭންގެ ދަށުން ކުޑަކުދިންގެ ރައްކާތެރިކަމުގެ މަސައްކަތް ހަރުދަނާވެ ކުރިއަރާނެކަމަށާއި، ކުދިން ނުރައްކަލަށް ހުށަހެޅުމުގެ ކުރިން އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި ސަރުކާރާއި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރާނެ ޕްލެޓްފޯމެއް އުފެދޭނެކަމަށްވެސް ބުނެފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ކުޑަކުދިން އަނިޔާއިން އެއްކިބާވެފައިވާ މާހައުލެއްގައި ހެދިބޮޑުވާންޖެހޭ ކަމަށާއި، ކުޑަކުދިން ޒިންމާދާރު ފަރުދުންނަށް ހަދަންޖެހޭ ކަމަށެވެ. އަދި މުޖުތަމައު ހޭލުންތެރިކުރުމާއި ކުޑަކުދިންގެ ހިމާޔަތަކީ އެންމެންގެ ވާޖިބެއްކަމަށާއި، މި މަޤްޞަދު ހާސިލުކުރުމަށް އެއްބައިވަންތަ މަސައްކަތެއް ބޭނުންވާކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޑރ. އައިޝަތު ޝިހާމް ވސް ބައިވެރިވެވަޑައިގަތެވެ. އެކަމަނާ ވިދާޅުވީ ކުޑަކުދިންނަށް އަނިޔާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، ހުރިހާ ކުޑަކުދިން އަނިޔާވެރިކަމުން ސަލާމަތްކުރަންޖެހޭ ކަމަށެވެ. އަދި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.



