ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ 46 ވަނަ ސެޝަނުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
ޖެނީވާގައި ހުންނަ ޕަލައިސް ޑެސް ނޭޝަންސްގައި ޔޫޕީއާރުގެ 46 ވަނަ ސެޝަން މިއަދު ފަށާފައިވާއިރު ދެ ހަފުތާގެ މުއްދަތަށް މި ސެޝަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންގައި 14 ސްޓޭޓަކުން އިންސާނީ ޙައްޤުތަކުގެ ރެކޯޑްތައް މުރާޖަޢާކުރުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި އަފްގާނިސްތާން، ޗިލީ، ކެމްބޯޑިއާ، ކޮމޮރޯސް، ސައިޕްރަސް، ޑޮމިނިކަން ރިޕަބްލިކް، އެރިޓްރިއާ، ނިއުޒީލެންޑް، ނޯތު މެސެޑޯނިއާ، ސްލޮވާކިއާ، އުރުގުއޭ، ވަނުއާޓޫ، ވިއެޓްނާމް އަދި ޔަމަން ހިމެނެއެވެ.
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނިގޮތުގައި ޔޫޕީއާރުގެ 46 ވަނަ ސެޝަންގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހާއި އެހެނިހެން ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މިޝަންގެ ޗާރޖް ޑި އެފެއާޒް ޑރ ސަލްމާ ރަޝީދު ކަމަށެވެ. އަދި ކައުންސެލަރ އާދަމް ހާމިދުއާއި، ކައުންސެލަރ އުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމާއި ސެކަންޑް ސެކްރެޓަރީ މަރިޔަމް ފާތިކާ ފަޔާޒާއި ޕާމަނަންޓް މިޝަންގެ އެޓޭޝޭ ރާއިދު ސައީދުވެސް މި ސެޝަނުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ޔޫޕީއާރު އަކީ އދ.ގެ މެމްބަރު ގައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ މުޅި ޙާލަތު މުރާޖައާކުރާ ސެޝަނެކެވެ. އ.ދ.ގެ މި މެކޭނިޒަމްގެ ސަބަބުން، އިންސާނީ ޙައްޤުތަކުގެ މަސްއޫލިއްޔަތުތަކާއި ވަޢުދުތައް ފުއްދުމުގައި ލިބިފައިވާ ކުރިއެރުންތައް އިޢުލާނުކުރުމުގެ ފުރުޞަތު، މުރާޖަޢާކުރަމުންދާ ޤައުމުތަކަށް ލިބިގެންދެއެވެ. އަދި އިންސާނީ ޙައްޤުތަކުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ބިނާކުރަނިވި ރިކޮމެންޑޭޝަންތައް މެންބަރު ޤައުމުތަކަށް ހުށަހެޅުމުގެ ފުރުޞަތު ވެސް މި ސެޝަނުގެ ތެރެއިން ލިބިގެންދެއެވެ.
ޔޫޕީއާރު ވޯކިން ގްރޫޕުން އަހަރަކު ތިން ސެޝަނެއް ބާއްވައެވެ. ޔޫޕީއާރުގެ ހަތަރުވަނަ ސައިކަލް ރިވިއު 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފަށާފައިވާއިރު، 2027 ވަނަ އަހަރު ނިމޭނެއެވެ.



