"އެސްޓީއޯ ސައުތު ލީގު" ނުބޭއްވުމުން އެސްޓީއޯއަށް 1.5 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ހުކުމް ކޮށްފިއެވެ.
މި ފައިސާއަކީ "އެސްޓީއޯ ސައުތު ލީގު" ފުޓުބޯޅަ މުބާރާތް ބޭއްވުމަށް އެފްއޭއެމްއާއި އެސްޓީއޯއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ސްޕޮންސަރޝިޕް ފީގެ ގޮތުގައި ދީފައިވާ ފައިސާއެކެވެ. އެފްއޭއެމްއިން އެއްބަސްވުމުގައިވާ ގޮތަށް މުބާރާތް ބާއްވާފައިނުވާތީ، އެސްޓީއޯއިން މި މައްސަލަ ކޯޓަށް ހުށަހެޅިއެވެ.
އެފްއޭއެމްގެ ފަރާތުން ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން، ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އެފްއޭއެމްގެ ޣައިރު ހާޒިރުގައެވެ. އެސްޓީއޯއިން ކޯޓުގައި އެދުނީ ހުށަހެޅި ހެކިތަކަށް ބަލައި އެ ކުންފުނިން އެދުނު ގޮތަށް ހުކުމްކުރުމަށެވެ.
ސްޕޮންސަރޝިޕް ފައިސާ ދީފައިވަނީ ތިން ބަޔަކަށް ބަހާލައިގެން، 2022 ވަނަ އަހަރުގެ އޮކްޓޯބަރު، ނޮވެންބަރު އަދި ޑިސެންބަރު މަހުގައެވެ. އެފްއޭއެމުން މުބާރާތް ފަށާނެ ކަމަށް ބުނި ތާރީޚު (2022 ޑިސެންބަރު 4) ފަހަނައަޅައި ދިޔައިރުވެސް މުބާރާތް ފެށުމުގެ ތާރީޚެއް އަންގާފައިނުވެއެވެ.
އެސްޓީއޯއިން 2022 އޮކްޓޫބަރު 29 ގައި އެފްއޭއެމަށް ސިޓީއެއް ފޮނުވި ނަމަވެސް ޖަވާބު ލިބިފައިނުވާކަމަށް ބުނެއެވެ. އަދި އެސްޓީއޯއިން ޑިސެންބަރު 6 ގައި ސްޕޮންސަރޝިޕް ފައިސާ އަނބުރާ ދެއްކުމަށް އަންގައި ޓާމިނޭޝަން ނޯޓިސް ދިންކަމަށްވެސް ބުނެއެވެ.



