ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ތަކެތި ވިޔަފާރިއަށް ތައްޔާރުކުރަމުންދާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އިއްޔެ މޯލްޑިވްސް އިމިގްރޭޝަނުން ދެ ތަނެއް ބަލައި ފާސްކޮށް 2 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
"އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުރި މި ރެއިޑުގައި، ފުރަތަމަ ތަނުގައި ދުފުމުގެ ތަކެތި ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ކަމަށް ފާހަގަކުރެވުނ.ު ކަމަށާ އަދި ދެވަނަ ތަނުގައި ޑެލިވަރީއަށް ކާބޯތަކެތި ތައްޔާރުކުރަމުންދާކަން ވެސް ފާހަގަކުރެވުނު ކަމަށް އިމިގްރޭޝަން ވޮޗުން ބުންޏެވެ.
އިމިގްރޭޝަނުން މިކަމާ ގުޅޭ ގޮތުން ދެއްވި މަޢުލޫމާތުގައި، ކަމާ ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއެކު މި ތަންތަނުގައި ކުރަމުންދިޔަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާ ކަމަށް ބުނެފައިވެއެވެ.
އިމިގްރޭޝަނުން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މަޢުލޫމާތު ލިބިއްޖެނަމަ އެކަން ވަގުތުން އެ އިދާރާއަށް އަންގައިދިނުމަށެވެ.



