ރާއްޖޭގައި އިންވެސްޓަރ ވިސާ ތަޢާރަފްކުރުމަކީ ރާއްޖެއަށް އައު ކަމަކަށްވާތީ، މިކަމުގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާނެ ކަމަށް އިޤްތިޞާދީ ވަޒީރު އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ސަޢީދު ވިދާޅުވިގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ވިޝަންގައި "އިންވެސްޓަރ ވިސާ" ތަޢާރަފްކުރުން ހިމެނެއެވެ. މި ވިސާ ތަޢާރަފްކުރާނީ ކުރިއަރާފައިވާ ޤައުމުތަކުގެ ރިއަލް އެސްޓޭޓް ބާޒާރުގެ ފަންނީ ލަފައާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދުނިޔޭގެ އެންމެ މިކަމުގައި ކުރިއަރާފައިވާ ބައެއް ކުންފުނިތަކާއެކު މިދަނީ މަސައްކަތްކުރަމުން، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ގެންދިޔުމަށްޓަކައި." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަކީ ރައީސްގެ މައިގަނޑު އަމާޒެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢުން ޔޫއެސް ޑޮލަރު ލިބޭނެކަމަށް އުންމީދުކުރެވޭ ކަމަށާއި، މި މަސައްކަތުގައި މިހާރުވެސް ކުރިއެރުންތަކެއް ވަނީ ލިބިފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމަކީ ތަރައްޤީވެފައިވާ ޤައުމުތަކުގައި ފުޅާކޮށް ހިންގާ، އެޤައުމުތަކުގެ ކުރިއެރުމަށް މުހިންމު ޕްރޮގްރާމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މި ޕްރޮގްރާމް ފެށުމުން ފުރަތަމަ މަރުހަލާގައި 2,000 އާ ގާތްކުރާ އަދަދަކަށް ވިސާއަށް އެދޭނެކަމަށް ލަފާކުރެވޭ ކަމަށާއި، 5 އަހަރު ތެރޭގައި މި އަދަދު 4,000 އަށް އަރާނެކަމަށް ބެލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން 6 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނެވޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.



