މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ބުނެފައިވާ ގޮތުގައި އޯލެވެލް އަދި އޭލެވެލްގެ ސައްޙަ ނޫން ސަނަދު ބޭނުންކުރާކަމުގެ މައްސަލަތަކެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވެއެވެ.
އެމްކިޔުއޭއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މިހާތަނަށް އޯލެވެލް އަދި އޭލެވެލްގެ ސައްޙަ ނޫން ސަނަދު ބޭނުންކުރާކަމުގެ 2 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި އިތުރު މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމްކިޔުއޭއިން ބުނެފައިވެއެވެ.
އެމްކިޔުއޭއިން ފާހަގަކޮށްފައިވާ ގޮތުގައި ބައެއް ފަރާތްތަކުން އޯލެވެލް ނުވަތަ އޭލެވެލްގެ ސަނަދުތަކުގައި ހުންނަ ގްރޭޑު ބަދަލުކޮށް، ސައްޙަ ނޫން ސަނަދު ބޭނުންކޮށްގެން މަންފާ ހޯދަމުން ގެންދެއެވެ. މިކަމާ ގުޅިގެން މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދަރިވަރުންނަށް އެންރޯލްމެންޓް ނުވަތަ ޕްލޭސްމެންޓް ދިނުމުގައި އޯލެވެލް އަދި އޭލެވެލް ސަނަދުތަކަކީ ސައްޙަ ސަނަދުތަކެއްކަން ކަށަވަރުކުރުމަށް އެމްކިޔުއޭއިން އެދިފައިވެއެވެ.
އެމްކިޔުއޭއިން އިތުރަށް ބުނެފައިވަނީ ސައްޙަ ނޫން ސަނަދުތައް ބޭނުންކުރުމާ ގުޅިގެން އެ އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތައް ބަލައި، ކުރިއަށް އޮތްތަނުގައިވެސް ފުލުހުންނަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ. މި މައްސަލަ ބެލުމަށް ފުލުހުން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މި ވަގުތު އިތުރު މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.



