ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލުކޮށްފައިނުވާ ގޯތިތައް 3 މަސް ތެރޭ ހަވާލުކުރަން ލާޒިމްވާގޮތަށް ބިމާއި ބެހޭ ޤާނޫނު އިސްލާހުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު މި އިސްލާހު ފާސްކޮށްފައިވާއިރު، އިސްހާލު ފާސްކުރަން ފެންނަކަމަށް ވޯޓުދެއްވީ 35 މެމްބަރުންނެވެ. އަދި އިސްލާހާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މިއަދު ފާސްކުރި އިސްލާހުގައި ބުނާގޮތުން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިޢުކުރާތާ ތިން މަސް ތެރޭގައި ގޯތިތައް ހަވާލުކުރަން ޖެހޭނެއެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި އެހާތަނަށް ސަރުކާރުން ޙަވާލުކޮށްފައިނުވާ ގޯތިތައް ޙަވާލުކުރަން ޖެހޭނެކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.
އެ އިސްލާހަކީ ކުރީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ދާއިމީ ލިސްޓު އާންމުކުރިތާ އެތައް ދުވަހެއް ވީނަމަވެސް އެ ގޯތިތައް ލިބުނު ފަރާތްތަކަށް ހަވާލުނުކުރުމުން ގަލޮޅު ދެކުނު ދާއިރާގެ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި އިސްލާހެކެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓު ކުރީ ސަރުކާރުން އާއްމުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ. އެކަން އިސްލާހުކުރުމަށް މީކާއިލް ބިލު ހުށަހަޅާފައިވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން 8394 މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށާއި 303 މީހުންނަށް އަދި ރަޖިސްޓްރީ ހަވާލުނުކޮށް ވާކަމަށެވެ. އަދި ބިމަށް ކުރިމަތިލި މީހުންގެ ތެރެއިން 16 މީހަކު އެ ބިން ދޫކޮށްލުމަށް އެދިފައިވާއިރު، ބިން ލިބުނު ފަހުން 12 މީހަކު މަރުވެފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ރަޖިސްޓްރީއާ ހަވާލުނުވާ ފަރާތްތަކަށް އަލުން އެ ފުރުސަތު ސަރުކާރުން ދީފައިވާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ. އެގޮތުން ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނަކީ:
- 1250 އަކަފޫޓުގެ 193 ގޯތި
- 1650 އަކަފޫޓުގެ 663 ގޯތި
- 2050 އަކަފޫޓުގެ 487 ގޯތި
- 2450 އަކަފޫޓުގެ 4 ގޯތި
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ހުށަހަޅާ މައްސަލަތަކާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން މިދިޔަ މާޗު މަހު ވަނީ ހައުސިންގ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.



