ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ޖަމްޢިއްޔާތަކުން، ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވުނު ބައްދަލުވުމުގައި ޖަމްޢިއްޔާތަކުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ރައީސްއާ ހިއްސާކުރިއެވެ. މީގެ ތެރޭގައި ހަވާލުނުކުރެވި ހުރި ގޯތިތަކުގެ ރަޖިސްޓްރީތަކާއި އެޝުއަރެންސް ސިޓީގެ ކަންކަން އަވަސްކުރުމާއި، ކަމާގުޅޭ ފަރާތްތަކުން ޖަވާބުދާރީވުން ހަރުދަނާކުރުމާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭގޮތަށް މައްސަލަތައް ހައްލުކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔާވަހިކަމަކީ ސަރުކާރުގެ އެންމެ އިސްކަމެއް ދެއްވާ ސިޔާސަތުކަމަށާއި އަދި ގެޒެޓްގައި ނަން އާންމުކޮށްފައިވާ ފަރާތްތަކަށް ގަވާއިދާ ޚިލާފުނުވާނަމަ ގޯތި ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެއިތުރުން، ކުރިއަށްދާ އަދި ރޭވިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވައި، ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.
ގެދޮރުވެރިކަމާބެހޭ ޖަމްޢިއްޔާތަކުން ބުނީ ރައީސްގެ ބައްދަލުކުރެއްވުމަކީ މިކަމަށް އަހައްމިއްޔަތުކަން ދެއްވާކަން ދޭހަވާކަމެއްކަމަށެވެ. އަދި މިކަމުގައި ކުރިއަށްދާނެ ރަނގަޅު މަގު މިހާރު ސާފުވެފައިވާކަމަށް ޖަމްޢިއްޔާތަކުން ފާހަގަކުރިއެވެ.
"އަޅުގަނޑުމެން ވަރަށް ބަލައިގަންނަން ރައީސް އަޅުގަނޑުމެންގެ ކަންބޮޑުވުން އަޑުއަހާ އެކަމަށް އުއްމީދީ ޖަވާބުތަކެއް ދެއްވުމުން. މިއޮތްހާ ދުވަހުވެސް އެކި މިނިސްޓްރީތަކުން ޖަވާބުތަކެއް ނުލިބި އޮތީ. އެހެންނަމަވެސް ރައީސް އެސްޓެބްލިޝް ކޮށްދެއްވި މިޗެނަލްގެ ސަބަބުން ގޯތިގެދޮރުގެ މައްސަލައިގައި އެންމެންގެ އޮތް ހާސްކަން ފިލައިގެންދާނެކަމަށް ޤަބޫލުކުރަނީ." ޖަމްޢިއްޔާއެއްގެ މެމްބަރަކު ފާހަގަކުރިއެވެ.

ފޮޓޯ: ގެދޮރުވެރިކަމާ ބެހޭ ޖަމްޢިއްޔާތަކާއި އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން
ސަރުކާރުން ބިންހިއްކުމާއި ގޯތި ދިނުމުގެ ސިޔާސަތުތައް ތަފްސީލުކޮށް ހިއްސާކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވުނު ބައްދަލުވުމުން ގިނަ ކަންބޮޑުވުންތަކަށް އުއްމީދީ ޖަވާބު ލިބުނުކަމަށް ޖަމްޢިއްޔާތަކުން ބުނެފައިވެއެވެ.



